ޚަބަރު

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެވޭނީ ސަރުކާރާއި މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކޮށްގެން: ޖެންޑާ

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ހަމައެކަނި އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އާންމު ފަރުދުންނާއި މުޅި މުޖުތަމައު ބައިވެރި ވާން ޖެހޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ދުނިޔޭގެ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ 26 ޖޫނެވެ. އެ ދުވަހަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ރަނގަޅަށް އަޅާލުމަށް - ރަނގަޅު މައުލޫމާތު" މިއެވެ.

މިދުވަހާ ގުޅިިގެން ޖެންޑާއިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާދިނުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި އެ މަސައްކަތްތަކަކީ އަބަދު ތަރައްގީވެ، އާ ހޯދުންތަކާއި އެވިޑެންސް ބޭސްޑް އެޕްރޯޗް ބޭނުން ކުރަމުން ގެންދަން ޖެހޭ މަސައްކަތެއް ކަމަށެވެ.

"މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ހަމައެކަނި އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރައްވާ ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އާންމު ފަރުދުންނާއި މުޅި މުޖުތަމައު ބައިވެރިވާން ޖެހޭ ކަމެއް. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާން ޖީލަށް ނުރައްކާ ވަމުންދާއިރު މިކަމުގައި އަޅުގަނޑުމެން އެންމެން ގުޅިގެން އިތުރު ހިތްވަރަކާއެކު މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފަ،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ ރީހެބިލިޓޭޝަން ސެންޓަރާ ހިސާބަށް، ރީހެބިލިޓޭޓް ވުމަށްފަހު މުޖަތަމައަށް ބޭނުންތެރި މީހެއްގެ ގޮތުގައި އަނބުރާ އައުމަށްފަހުވެސް، އެމީހަކީ މުޖުތަމައުން ބަލައިގަންނަ މީހަކަށް ހެދުމަށް އެންމެންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން، އާއިލާތަކުން އެކަހެރިކޮށްނުލައި އެކަމުން ދުރުހެލި ކުރެވޭނީ ފުރިހަމަ މައުލޫމާތު ލިބިގެން ކަމަށާއި އާއިލާގެ ތެރެއިންނާއި އެކިއެކި ފަންނީ ފަރާތްތަކުންނާއި އަދި އިދާރާތަކުންވެސް މައުލޫމާތު ލިބިގެން ކަމަށްވެސް ބަޔާނުގައިވެއެވެ.

"މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދީ، އެކަމުން ސަލާމަތްވެފައިވާ މީހުންގެ ގޮތުގައި އަނބުރާ މުޖްތަމައުއަށް ނެރުމަކީ ބުރަ އަދި އެހާމެ ގޮންޖެހުން ގިނަ މަސައްކަތެއް. ފަރުވާ ބޭނުންވާ ގިނަ ފަރާތްތަކަކަށް ފަރުވާގެ އިންތިޒާރުގައި ތިބެން ޖެހުމުގެ ބަދަލުގައި ބޭނުންވާ ފަރުވާ ލިބުމުގައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަމުގައި އިތުރު ކާމިޔާބުތަކެއް ލިބިގެންދާނެ،" ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނަންސް ތެރަޕީއަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކާމިޔާބުކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. ކުރިން ރާއްޖޭގައިވެސް މި ޕްރޮގްރާމް ކުރިއަށްގެންދިޔަ ނަމަވެސް، ތަފާތު ސަބަބުތަކާ ހެދި ޕްރޮގްރާމް މީގެ ތިން އަހަރު ދުވަސް ކުރިން ހުއްޓާލާފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް އިންޑިއާ ސަރުކާރުގެ އެހީގައި އިންޑިއާގެ އޯލް އިންޑިއާ މެޑިކަލް ސައިންސަސް (އެއިމްސް) ގެ ފަންނީ އެހީތެރިކަމާއެކު މެތަޑޯން މެއިންޓެނަންސް ތެރަޕީ ފެށުމުގެ މަޝްވަރާތައް ކުރެވި، މި ފަރުވާއަށް ބޭނުންވާ ބޭސް ރާއްޖޭން ބޭރުން ގެނެސް، އަންނަ ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ލާޒިމުކުރާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު މިއަހަރު ގާއިމު ކުރެވި، މި ސެންޓަރުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ތެރެއިން ބަންދުގައި ތިބޭ މީހުނަށް ބޭނުންވާ އަސާސީ ފަރުވާ ލިބިގެންދާނެ ކަމަށެވެ.

ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު ގުޅިފަޅުގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާން ކުރައްވައިފައެވެ.