ޚަބަރު

ސައުދީގައި ތިބި 62 ދަރިވަރަކު ރާއްޖެ ގެނެސްފި

އަލީ އަފާފު ރަމީޒު

ސައުދީ އަރަބިއްޔާގައި ތައުލީމު ހާސިލުކުރަމުންދިޔަ 62 ދިވެހި ދަރިވަރަކު ރާއްޖެ ގެނެސްފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން ސައުދީގައި ކިޔަވަމުންދިޔަ ހުރިހާ ދަރިވަރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރޭ 62 ދަރިވަރަކު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ދިވެހި ދަރިވަރުން ކިޔަވަމުންދިޔަ އެއް ޔުނިވަސިޓީން ކޮވިޑަށް ބައެއް މީހުން ޕޮޒިޓިވްވުމާ ގުޅިގެން އެ ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރަމުންދިޔަ ދަރިވަރުން ފްލައިޓަށް އެރުވުމަށް ސައުދީ ސަރުކާރާއި އެއާލައިނުން އެއްބަސްނުވުމުގެ ސަބަބުން އެކުދިން ގެނެވޭގޮތް ނުވެފައިވާ ކަމަށެވެ.

"ސައުދީގައި ކިޔަވަމުން އަންނަ 62 ދަރިވަރަކު މިރޭ ރާއްޖެ ވަނީ ގެނެވިފައި. ހުރިހާ ކުދިން ގެންނަން ސަރުކާރުން މަސައްކަތްކުރީ، އެހެންނަމަވެސް ދިވެހި ކުދިންތަކެއް ތިބި ޔުނިވާސިޓީއެއްގައި ކޮވިޑް ވައިރަސް ފެތުރުމާ ގުޅިގެން އެ ޔުނިވާސިޓީގައި ކިޔަވަމުންދިޔަ ދަރިވަރުން އެއާލައިނުން އެކުދިން ބޯޓަށް އެރުވުމަށް އެއްބަހެއް ނޫން،" ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސައުދީގައި ބާކީ ތިބި ކިޔަވާ ކުދިން އަންނަ މަހު ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެކުދިން އަންނަ މަހު ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮވިޑްގެ ސަބަބުން ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ކިޔަވަމުން އަންނަ 2300 އަށްވުރެ ގިނަ ދަރިވަރުން މިހާތަނަށް ރާއްޖެ ގެނެސްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ހާލުގައި ޖެހުނަ ނުދިނުމަށް ރައީސްގެ ބެއްލެވުމުގެ ދަށުން އުސޫލުތަކެއް އެކުލަވާލައި ރާއްޖެއަށް އަންނަން ބޭނުންވާ ހުރިހާ ދިވެހިން ގެނައުމުގެ މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން އެކި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ވައިގެ ދަތުރުތައް ހުއްޓާލުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެކި ގައުމުތަކާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި މީހުން ގެނައުމަށާއި އެފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 7.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހަރަދުތައް ކުރާ ގޮތް އޮޑިޓްކުރެވި ބެލެހެއްޓެމުން އަންނަ ކަމަށެވެ.