ޚަބަރު

ދިވެހި ސަރުކާރުން މަލްޓިލޭޓަރަލިޒަމްއަށް އިސްކަންދޭނެ: ޝާހިދު

މަރިޔަމް ޝަހުދާ

ދިވެހި ސަރުކާރުން އަބަދުވެސް މަލްޓިލޭޓަރަލިޒަމްއަށް އިސްކަންދޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަރުވައިފިއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ޗާޓާ އޮފް ޔުނައިޓަޑް ނޭޝަންސްގައި ސޮއިކުރެވުނުތާ 75 އަހަރު ފުރުމާ ގުޅިގެން ދެއްވި ހިތާބުގައެވެ.

މިނިސްޓަރު ޝާހިދުގެ ހިތާބުގައި ޔޫއެން ޗާޓާގައި ސޮއިކޮށްފައިވާ ހުރިހާ ގައުމުތަކުން ހާސިލުކުރުމަށް އެއްބަސްވެފައިވާ ކަންކަން ރާއްޖެއިންވެސް ހާސިލުކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި މި ޗާޓަރުގެ ސަބަބުން ގައުމުތަކުގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި ހުރިހާ ގައުމުތަކަކަށް އެއް ހަމައެއްގައި އަޑުއުފުލުމުގެ ގާބިލުކަން ލިބިގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި، ދެމެހެއްޓެނިވި ތަރައްގީއާއި ގުދުރަތީ ކާރިސާތައް ފަދަ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް ޔޫއެންގެ މެންބަރު ގައުމުތަކުން މަލްޓިލޭޓަރަލް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.

ޔޫއެންގެ ޗާޓަރުގައި ސޮއިކޮށްފައިވަނީ 26 ޖޫން 1945 ގައެވެ. އެމެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވުނު ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން އިންޓަނޭޝަނަލް އޯގަނައިޒޭޝަން އަށްފަހު އެކުލަވައިލި މި ޗާޓާއަކީ ޔޫއެން އެކުލަވާލުމަށް ހެދި ބައިނަލްއަގުވާމީ މުއާހަދާތައް އެކުލެވޭ ލިޔުމެވެ.

ޔޫއެން ޗާޓާއަކީ ދުނިޔޭގައި ސުލްހަ މަސަލަސްކަން ގާއިމުކޮށް، ބައިނަލްއަގުވާމީ ގާނޫނުތައް ވަރުގަދަކޮށް، އެއްގައުމު އަނެއް ގައުމާ ގުޅިގެން ދުނިޔޭގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ ޖަމިއްޔާއެއް އެކުލަވާލުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ. އަދި 1945 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޔޫއެން އުފެދުނީ އެއަހަރުގެ ޖޫން މަހު ޗާޓާ އޮފް ޔުނައިޓަޑް ނޭޝަންސް އެކުލަވާލުމާ ގުޅިގެންނެވެ.