ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ކޮންމެ 10 މީހަކުން އެކަކުގެ ވަޒީފާ ގެއްލިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދިވެހި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ކުރިއަށްގެންދިޔަ ސާވޭއަކުން ދައްކައިފިއެވެ.
ރާއްޖޭގައި ކޮވިޑާ ގުޅިގެން ކުރިމަތިވި އިގުތިސާދީ އަދި އިޖުތިމާއީ ކަންތައްތައް ބެލުމަށް އެޗްޕީއޭ އާއި އެމްއެންޔޫ ގުޅިގެން މިދިޔަ މެއި މަހުގެ ތެރޭގައި އޮންލައިން ސާވޭތަކެއް ވަނީ ކޮށްފައެވެ. އެ ސާވޭގެ ފުރަތަމަ ބުރުގައި 2871 މީހެއްގެ ފަރާތުން މައުލޫމާތު އެއްކުރިއިރު، ސާވޭ ފުރިހަމަކޮށްފައިވަނީ އޭގެ ތެރެއިން 2697 މީހެކެވެ.
އެ ދިރާސާއިން ދައްކާ ގޮތުގައި ކޮވިޑާ ގުޅިގެން ސާވޭގައި ބައިވެރިވި މީހުންގެ 29 ޕަސެންޓް މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. އެއީ ކޮންމެ 10 މީހަކުން އެކަކެވެ. އަދި 10 މީހުންގެ ތެރެއިން އެކަކުގެ ވަޒީފާ އަންނަ މަހު ގެއްލިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ސާވޭގެ ބައިވެރިން ބުނެފައިވެއެވެ.
އޭގެ އިތުރުން ކޮންމެ 10 މީހަކުން ތިން މީހެއްގެ މުސާރަ ކުޑަކޮށްފައިވާއިރު، 10 މީހަކުން ފަސް މީހެއްގެ ވަޒީފާއަށް އަސަރު ނުކުރާ ކަމަށް ވެސް ދިރާސާއިން ދައްކައެވެ.
ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ކޮވިޑާ ގުޅިގެން 65 ޕަސެންޓް މީހުންގެ ފައިނޭންސަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ބުނެފައިވާއިރު 23 ޕަސެންޓް މީހުންނަށް ކުޑަކޮށް، އަދި 12 ޕަސެންޓްގެ މީހުންގެ ހާލަތު އަދި ބަޔާންކުރަން އަވަސް ކަމަށް ބުނެފައިވެއެވެ.
ސާވޭން ވެސް ދައްކާ ގޮތުގައި ކޮވިޑާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރި އެއް ބަޔަކީ ވިޔަފާރިތަކެވެ. އެގޮތުން ސާވޭއަށް މައުލޫމާތު ދިން ކޮންމެ 10 ވިޔަފާރިއަކުން ފަސް ވިޔަފާރިއަކަށް އަސަރުކޮށްފައިވާއިރު، ކޮންމެ 10 ވިޔަފާރިއަކުން ހަތަރު ވިޔަފާރިއަކަށް އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށް ބުނެފައިވެއެވެ.
ރާއްޖެއަށް އިއުލާން ކުރި ލޮކްޑައުންއާ ގުޅިގެން 44 ޕަސެންޓް މީހުން އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައިނުވާއިރު 37 ޕަސެންޓް މީހުން މަސައްކަތް ކުރީ ގޭގައި ކަމަށް ވެސް ދިރާސާއިން ދައްކައެވެ. އަދި އަށް ޕަސެންޓް މީހުން ހަފުތާއަކު ދެތިން ފަަހަރު މަސައްކަތަށް ނުކުމެފައިވާއިރު 11 ޕަސެންޓް މީހުން ގަވައިދުން ކޮންމެ ދުވަހަކު މަސައްކަތަށް ނުކުމެފައިވާ ކަމަށް ދިރާސާއަށް މައުލޫމާތު ދިން މީހުން ބުނެފައިވެއެވެ.