ޚަބަރު

ވަކި މީހަކަށް ނުބަލައި ﷲ އެންގެވި ގޮތަށް ހުކުމް ނުކުރެވޭނަމަ، އެއީ ޖާހިލިއްޔަތުގެ ހުކުމަށް ހުކުމްކުރުން!

ހުކުމް ކުރާއިރު ވަކި މީހަކަށް ބެލުމެއް ނެތި މާތް ﷲ އަންގަވާފައިވާ ގޮތަށް ހުކުމް ނުކުރެވޭނަމަ، އެއީ ޖާހިލިއްޔަތުގެ ހުކުމަށް ހުކުމް ކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އުންސުރީ ތަފާތުކުރުމަކީ އިންސާނިއްޔަތާ ހިލާފު ޖާހިލީ އާދައެކެވެ." މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިންސާނުންނަކީ އިންސާނީ ވަންތަކަމުގައި އެއް މަގާމަކާއި އެއް ހައިސިއްޔަތެއް ލިބިގެންވާ އެއް ދަރަޖައެއްގެ ބައެއް ކަމަށާއި އިންސާނާ އުފެދުމުގެ އަސްލާއި އިންސާނީ ވަންތަކަމުގެ ސިފަތަކާއި އިންސާނީ އިހުސާސްތަކަށް ބަލާއިރު އިންސާނިއްޔަތުގެ ތިލަފަތަކީ ހަމަހަމަ ތިލަފަތެއް ކަމަށެވެ. އަދި އިންސާނަކަށް ވީތީ، ދޭންޖެހޭ މަގާމާއި އިހްތިރާމާއި ރަހުމާއި ހަމްދަރުދީ އާއި އަޅައިލުމާއި އެހީތެރިކަން ދިނުމުގައި ތަފާތު ކުރުމެއް ނުވާ ކަމަށް ހުތުބާގައި ބުންޏެވެ.

އޭގެ އިތުރުން ނަސްލާއި ގަބީލާ އާއި ގައުމާއި އާއިލާއަކީ އިންސާނިއްޔަތުގެ ތިލަފަތުގެ ކުރިމަތީގައި އެއްވެސް އަގެއް ބުރަދަނެއް ހުރި އެއްޗެއް ނޫން ކަމަށާއި މީސްތަކުންގެ ކުލަ އާއި ބުރުސޫރަ އާއި ޖިންސާއި އުމުރަކީ އެމީހުންގެ މެދުގައި ތަފާތު ކުރެވޭނެ އަސޭސެއް ނޫން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

ތަފާތު އެކި ނަސްލުތަކާއި ކުލަތަކާއި އެކި ބަހުރުވަތަކެއްގެ މައްޗަށް އިންސާނިއްޔަތު ލައްވާފައިވަނީ ﷲ ތައާލާގެ ކުޅަދުންވަންތަކަމުގެ ތެރެއިންވާ އާޔަތެއްގެ ގޮތުގައިކަން ފާހަގަކޮށް ހުތުބާގައި ބުނީ، ތަފާތުވުންތަކަކީ އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް މާތް ކުރެއްވި މަތިވެރިވުމަށްޓަކައި ލައްވާފައިވާ ތަފާތުވުން ތަކެއް ނޫން ކަމަށެވެ. އަދި ﷲ ތައާލާގެ ހަޟްރަތުގައި މާތްކަމާއި އިއްޒަތާއި ގަދަރުގެ ނާރެހަކީ ތަގްވާ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، އިންސަނީވަންތަކަން ގެއްލެނީ ޖަހާލަތުގެ ސިފަތައް ވެރިވުމުން ކަމަށާއި މުޖުތަމައެއްގައި އިންސާނިއްޔަތުގެ އަގުތަކާއި ހަމަތައް ނެތިގެން އުވިގެން ގޮސްފިނަމަ އެތަނެއްގައި ޖާހިލިއްޔަތު އުފަންވެ، އަލާވެގެންދާނެ ކަމަށެވެ. އަދި އެފަދަ މުޖުތަމައެއްގައި އޮންނާނީ ޖަންގަލީގެ ނިޒާމާއި ރަސްމަތިފުށު ބޮޑުންނަށް މޮޅު ގޮތް ކަމަށް ހުތުބާގައި ބުންޏެވެ.

އެގޮތުން މުޖުތަމައުގެ އަޝްރާފުން ކުށެއް ކުރުމުން އެކުށަށް އަދަބު ނުދެވި، އާދައިގެ މީހަކު ކުށެއް ކުރުމުން އަދަބު ދެވޭނަމަ އެއީ ޖާހިލިއްޔަތުގެ ސިފައެއް ކަމަށާއި ހުކުމް ކުރާއިރު ވަކި މީހަކަށް ބެލުމެއް ނެތި ﷲ އަންގަވާފައިވާ ގޮތަށް ހުކުމް ނުކުރެވޭނަމަ، އެއީ ވެސް ޖާހިލިއްޔަތުގެ ހުކުމަށް ހުކުމް ކުރުން ކަމުގައި މެނުވީ ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ފުރައްސާރަ ކުރުމާއި ހަޑިހުތުރު ލަގަބުތަކުން އެކަކު އަނެކަކަށް ނަންދީ އުޅުމާއި ދިމާކުރުންފަދަ ކަންކަމަކީ އިޖްތިމާއީ ފޭރާން ވީދި، މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދުމަށް މަގުފަހިވާ ޖާހިލީ ސިފަތަކެއް ކަމަށް ވެސް ބުންޏެވެ.