މާލެ ސަރަހައްދުގައި މަސައްކަތްކުރާ ސައިޓުތަކުގެ ސަލާމަތީ ކަންކަން އިންސްޕެކްޓް ކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ 102 ސައިޓެއް ބަލައިފި ކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާރ އިން ހާމަކޮށްފި އެވެ.
މިނިސްޓްރީއިން މިއަދު ކުރެއްވި ޓުވީޓެއްގައި ވާގޮތުން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ 102 ސައިޓެއް އިންސްޕެކްޓް ކުރެވިފައިވާއިރު އެތަނުން 25 ސައިޓެއްގައި އެއްވެސް މައްސަލައެއް ނެތެވެ. އަދި 70 ސައިޓެއް އަލުން ބަލަން ޖެހޭއިރު، ހަތް ސައިޓަކަށް ވަރަށް ބޮޑަށް ސަމާލުކަން ބޭނުންވެ އެވެ.
މާލެ ސަރަހައްދުގައި މަސައްކަތްކުރާ ސައިޓުތަކުގެ ސަލާމަތީކަންކަން އިންސްޕެކްޓް ކުރުމަށް ސަރުކާރުން މަސައްކަތް ފެށީ އާދިއްތަ ދުވަހު ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓަކުން ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގެ ސަބަބުން ނެވެ.