ޚަބަރު

އައިޖީއެމްއެޗްގައި ހަދާ ކޮވިޑް ޓެސްޓަށް ޑަބްލިޔުއެޗްއޯ އިން 100 ޕަސެންޓް ދީފި

މަރިޔަމް ޝަހުދާ

އަައިޖީއެމްއެޗްގައި ހަދާ ކޮވިޑް-19 ޓެސްޓުތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެކްސްޓާނަލް ކޮލިޓީ އެޝުއަރެންސް ޕެނަލުން 100 ޕަސެންޓުގެ ސްކޯއެއް ދީފިއެވެ.

އައިޖީއެމްއެޗުން ކުރި ޓުވީޓެއްގައި ބުނީ، އެ ހޮސްޕިޓަލުގައި ކޮވިޑަށް ކުރާ ޓެސްޓުގެ ފެންވަރު ބެލުމަށް ޑަބްލިޔުއެޗްއޯގެ އެކްސްޓާނަލް ކޮލިޓީ އެޝުއަރެންސް ޕެނަލުން ފޮނުވި އަންނޯން ސާމްޕަލްތަކުގެ ރަނގަޅު ނަތީޖާ ދިމާވެފައިވާ ކަމަށެވެ. އެހެންކަމުން އައިޖީއެމްއެޗުން ހަދަމުން އަންނަނީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ޓެސްޓުތަކެއްކަން ކަށަވަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ރާއްޖޭގައި ކޮވިޑަށް ޝައްކުވާ މީހުންގެ ސާމްޕަލްތައް ޓެސްޓު ކުރަން ފުރަތަމަ ފޮނުވީ ރާއްޖެއިން ބޭރަށެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ 29 އިން ފެށިގެން އައިޖީއެމްއެޗުގައި ވަނީ ކޮވިޑަށް ޓެސްޓު ކުރަން ފަށައިފައެވެ.

މިހާރު އައިޖީއެމްއެޗުގެ އިތުރުން ފުލުހުންގެ ފޮރެންސިކް ލެބުންނާއި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭ އަދި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ވެސް ކޮވިޑަށް ޓެސްޓު ކުރަމުން އަންނައިރު އަންނަ ހަފްތާގައި ކުޅުދުއްފުށި ސިޓީގައި ވެސް ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ބުނާ ގޮތުގައި، ރާއްޖޭގައި މިވަގުތު ކޮންމެ ދުވަހަކު 1000 މީހުން ކޮވިޑަށް ޓެސްޓު ކުރެވޭނެ ކެޕޭސިޓީ އެބަހުއްޓެވެ. އަދި ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު މި ސަރަހައްދުގައި އެންމެ ގިނައިން ކޮވިޑަށް ޓެސްޓް ކުރާ ގައުމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ.