ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ބިމުން ''ކައިވަތެއް''ގެ މިންވަރުވެސް އަސްކަރީ ބޭނުމަށް ބޭރުގެ ބަޔަކަށް ދެވެން ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއިން އިންޑިއާއާ އެކު ހަތަރު އެއްބަސްވުމެއް ވެފައިވާއިރު، އެއިން އެއްވެސް އެއްބަސްވުމެއްގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވެދާނެ ފަދަ އެއްވެސް އެއްބަސްވުމެއް ވެފައި ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ އެއްވެސް ކަމެއް އެއްވެސް ބަޔަކާއެކު ނުކުރައްވާނެ ކަމަށެވެ.
''އެއްވެސް ގައުމަކާއެކު، އެއްވެސް ބަޔަކާއެކު އަސްކަރީ ބޭނުމަށް ރާއްޖޭގެ ބިމުން ކައިވަތެއްވެސް ދޭކަށް އަޅުގަނޑުމެން އެއްބަސްވެފައެއް ނޯންނާނެ. އެކަން އޮންނާނީ އެގޮތަށް. އަޅުގަނޑުމެންގެ ސަރުކާރަކުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭފަދަ އެއްވެސް ކަމަކަށް އެއްވެސް ބަޔަކާއެކު އެއްބަހެއް ނުވަން.'' ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުމުގައި ވެސް ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ގެއްލުންވެދާނެ ކަމެއް ކުރައްވާފައި އޮވެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ.
ނަމަވެސް ޗައިނާއާއެކު ރައީސް ޔާމީންގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން އަދި ފެނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒުތައް ހަދަން އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކާއި ގުޅިގެން ރައީސް ވިދާޅުވީ ރާއްޖޭގައި އަސްކަރީ މަރުކަޒުތައް ހަދަން އެއްވެސް ބަޔަކަށް ފުރުސަތު ނެތް ކަމަށެވެ.
އިންޑިއާއަކީ ދިވެހިންނާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު އިންޑިއާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އިންޑިއާއިން ދީފައިވާ މާލީ އެހީއަކީ ދިވެހިންނަށް ހެޔޮ އެދޭ ގައުމެއްގެ ގޮތުގައި އިންޑިއާ އޮތްކަން ހާމަކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއިން ދިވެހި ސަރުކާރަށް ލޯނުގެ ގޮތުގައި ޖުމްލަ 1.4 ބިލިއަން ޑޮލަރު ދީފައިވެއެެވެ.