އަލީ ޔާމިން
ދިވެހިންގެ މެދުގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ގޭމުތަކުގެ ތެރޭގައި ހިމެނޭ ފޯޓްނައިޓް އަދި ޕްލޭޔާއަންނައުންސް ބެޓަލްގްރައުންޑް (ޕަބްޖީ) ފަދަ ގޭމުތައް ކުޑަކުދިން ކުޅުނަ ނުދިނުމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބެލެނިވެރިނަށް އިލްތިމާސްކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑުގެ ސަބަބުން އެންމެން ގޭގައި ތިބޭއިރު ގިނަ ބައެއްގެ އެންމެ ގާތް އެކުވެރިޔަކަށް ވެފައިވަނީ އިންޓަނެޓް ކަމަށެވެ. އެގޮތުން އިންޓަނެޓްގެ ޒަރީޔާއިން ތަފާތު ގޭމުތަކާއި ވީޑިއޯތައް ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިން ވެސް ބަލާއިރު އިންޓަނެޓްގެ ޒަރީޔާއިން ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އެތައް އަސަރެއް ކުރާ ކަމަށް ބަޔާނުގައިވެއެވެ.
"ޔޫޓިއުބުގައި މިހާރު ހުންނަ ވީޑިއޯ ޗެނަލްތަކަށް ބަލާއިރު، ކުޑަކުދިން ގަޔާވާ ކާޓޫނު ކެރެކްޓާ ބޭނުންކޮށްގެން އަމިއްލަ ފަރާތްތަކުން ހިންގަމުންދާ ޗެނަލްތައް ދަނީ އިތުރުވަމުންނެވެ. މިފަދަ ޗެނަލްތަކުގައި އިސްލާމްދީނުގެ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު، ކުޑަކުދިންގެ އުމުރުފުރައާ ނުގުޅޭ ކަންކަން ހިމަނާފައި ހުރެއެވެ." ބަޔާނުގައި ބުނެފައިވެއެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން އިތުރަށް ވަނީ މަލްޓިޕްލޭޔާ އޮންލައިން ގޭމްތައް ހާއްސަކޮށް ފޯޓްނައިޓް އަދި ޕަބްޖީފަދަ ގޭމުތައް ކުޅުމަށް ކުދިންނަށް ޑިވައިސްތައް ދިނުމުގައި ސަމާލުކަން ދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ.
އެގޮތުން ކުޑަކުދިން މިފަދަ ގޭމްތަކުން ދުރުކުރުމަށް ގޭމް ކުޅުމަށް ވަކި ގަޑިއެއް ކަނޑައަޅައި ސްކްރީން ޓައިމް ލިމިޓް ކުރުމާއި ކުދިން ގުޅޭ ގޭމުތަކަކީ އެކުދިންގެ އުމުރުފުރައާ ގުޅޭ ގޭމެއްތޯ ކަށަވަރު ކުރުމަށް އެދިފައިވެއެވެ. އަދި ބެލެނިވެރިންގެ ކޭޝް ކާޑުގެ މައުލޫމާތު ނުދިނުމަށް ވެސް ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.