ޕާސްޕޯޓު ހެއްދުމަށްފަހު ވެރިފަރާތުން ބަލައި ނުގޮސް، މޯލްޑިވްސް އިމިގްރޭޝަންގައި ބަހައްޓާފައި ހުރި ޕާސްޕޯޓުތައް ކެންސަލް ކުރާ މުއްދަތު އިތުރުކޮށްފިއެވެ.
އިމިގްރޭޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނީ، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ، ދިވެހި ޕާސްޕޯޓާބެހޭ ގަވައިދުގެ 20 ވަނަ މާއްދާއިން ކޮންޓްރޯލާ ޖެނެރަލަށް ލިބިދީފައިވާ އިހްތިޔާރުގެ ތެރެއިން، ޕާސްޕޯޓު ހެއްދުމަށްފަހު ނުނަގައި ހުރި، ޕާސްޕޯޓުތައް ކެންސަލް ކުރެވޭ މުއްދަތު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ފަހުން ޕާސްޕޯޓު ހެއްދުމަށްފަހު ވެރިފަރާތުން ބަލައި ނުގޮސް، އެ އިދާރާގައި ބަހައްޓާފައިވާ ޕާސްޕޯޓުތައް ކެންސަލް ކުރެވޭނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ފަހުން ކަމަށް އިއުލާންގައިވެއެވެ.
ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ޕާސްޕޯޓު ހެއްދުމަށްފަހު ބަލައި ނައިސް، ހަ މަސްދުވަހަށްވުރެ ގިނަ ދުވަހު އިމިގްރޭޝަނުގައި ބަހައްޓާފައި ހުންނަ ޕާސްޕޯޓުތައް ކެންސަލް ކުރެވޭނެއެވެ.