ޚަބަރު

ކުޑަކުއްޖެއްގެ ސާމްޕަލް ދޭން ދެކޮޅު ހެދި މައިންބަފައިންގެ މައްޗަށް ކޯޓު އަމުރެއް ނެރެފި

ކޮވިޑް 19ގެ ޓެސްޓް ކުރުމަށް ކުޑަކުއްޖެއްގެ ސާމްޕަލް ދޭން ދެކޮޅު މައިންބަފައިންގެ މައްޗަށް ކުއްޖާގެ ސާމްޕަލް ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން ބުނީ ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައި ކުޑަކުއްޖެއްގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވާ ކުއްޖާގެ މައިންބަފައިންގެ މައްޗަށް އެކުއްޖާގެ ސާމްޕަލް ނެގުމަށް މަގުފަހިކޮށްދީ ހުރަސް ނޭޅުމަށް އަންގާ އަމުރެއް ނެރެފައިވާ ކަމަށެވެ.

މީގެ އިތުރުން ސާމްޕަލް ނަގަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް އެކަމުގައި ޝާމިލުވާ ފަރާތްތަކާއި ފުލުހުންގެ މައްޗަށް އަމުރެއް މިއަދު ނެރެފައިވާ ކަމަށްވެސް ސިވިލް ކޯޓުން ބުންޏެވެ.

މީގެ ކުރިން ވެސް ކޮވިޑް 19އާ ގުޅިގެން އެޗްޕީއޭގެ އެންގުންތަކާ ހިލާފުވުމުން ސިވިލް ކޯޓުން އަމުރު ނެރެގެން މީހުންގެ ސާމްޕަލް ނަގާފައިވެއެވެ. އަދި ބައެއް މީހުން ކަރަންޓީނަށް ވެސް ގެންދިޔައެވެ.

ކޮވިޑް 19 ކޮންޓްރޯލް ކުރަން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބައްޔަށް ޝައްކުވާ މީހަކު ނުވަތަ ބައްޔަށް ޓެސްޓު ކުރަން ދެކޮޅު ހަދާނަމަ ކޯޓު އަމުރު ހޯދައިގެން ޓެސްޓު ކުރުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގާނޫނުން ދީފައި ވެއެވެ.

ރާއްޖޭގައި 2277 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 416 މީހެކެވެ. އަދި މި ބަލިން 1848 މީހަކު ފަސޭހަވެފައިވެއެވެ.