ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެނެސް ގެންގުޅުމުގެ މައްސަލައަކީ މިދިޔަ ސަރުކާރުން ހިންގާފައި އޮތް އިންތިހާއަށް ބޮޑު ޖަރީމާއެއް ކަމަށާއި އެއީ މިދިޔަ ސަރުކާރުން ގަސްތުގައި ހިންގާފައިވާ އިންސާނީ ވަގުފާރިއެއް ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެންމެ ކުރިންވެސް އެނގޭ އެއް ހަގީގަތަކީ ރާއްޖޭގައި ކޮވިޑް ފެތުރެމުންދާއިރު އެންމެ ބޮޑު ޗެލެންޖަކަށް ވެގެންދާނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރޭގައި ކޮވިޑް ބަލި ފެތުރިގެން ދިއުން ކަމަށެވެ.
"ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެނެސް ގެންގުޅުމުގެ މައްސަލައަކީ ވަކި މައްސަލައެއް. އެއީ މިދިޔަ ސަރުކާރުން ހިންގާފައި އޮތް އިންތިހާއަށް ބޮޑު ޖަރީމާއެއް. ހަމަ ގަސްތުގައި އިންސާނީ ވަގުފާރި ހިންގާފައި އޮތީ. އިމިގްރޭޝަންގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީގެ ތެރެއިން ހިންގާފައި އޮތް ބޮޑު ޖަރީމާއެއް މިއީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންގެ ކަންކަން ހައްލު ކުރުން މި ސަރުކާރުގެ ބޮލުގައި އެޅިފައިވާ ކަމަށާއި އެކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒް މި މައްސަލަ ހައްލުކުރެއްވުމަށް ނުކުމެވަޑައިގެންނެވީ ވަރަށްވެސް ހަރުދަނާކަމާއެކު ކަމަށެވެ. އަދި ފޮރިން މިނިސްޓްރީން މިނިސްޓަރު ފައްޔާޒު ބޭނުންފުޅުވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
"ދިވެހި ރާއްޖޭގައި އަދި މިހާތަނަކަށް އެއްވެސް ސަރުކާރަކުން ބަންގުލަދޭޝްގެ ގަވައިދާ ހިލާފަށް މިތާ އުޅޭ މީހުން އަނބުރާ ފޮނުވާލުމުގައި އިސްނަގައިގެން މަސައްކަތްތަކެއް ކޮށްފައެއް ނެތް. އެ ހިތްވަރެއް ނޯންނާނެ ނޫންތޯ، އެކަން ކުރުމުގައި އެސަރުކާރުގެ މީހުން ބައިވެރިވެފައި އޮތީ،" މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަން ހައްލުކުރަން ނިންމެވި ކަމަށެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 2689 އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ބަންގުލަދޭޝަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެސް ފޯރުކޮށްދޭނެ ކަަމަށް އެގައުމުގެ ހާރިޖީ ވަޒީރު ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުވެސް އެގައުމުގެ ރައްޔިތުން ގެންދިއުމަށް ހަފުތާއަކު ދެ ފްލައިޓް ހަމަޖައްސާނެ ކަަމަށް ވިދާޅުވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.