ޚަބަރު

މި ސަރުކާރުގައި ވައްކަން ނުކުރާ އެކަކުވެސް ނެތް: އަދުރޭ

އަލީ ޔާމިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވައްކަން ނުކުރާ އެކަކު ވެސް ނެތް ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މ. ދިމްޔާތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުގެ އެންމެ އިސްވެރިޔާއިން ފެށިގެން ތިބީ ހުސް ވަގުން ކަމަށާއި ކޮންމެ ކަމަކުންވެސް ކުރީ ވައްކަން ކަމަށެވެ. އެގޮތުން ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީން އިމާރާތްކުރެއްވި 7،000 ފްލެޓުން ވެސް އަދި ކޮވިޑުގެ ކަންކަމުގައި ވެސް މި ސަރުކާރުން ކުރީ ވައްކަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިސަރުކާރުގެ އެންމެ އިސްވެރިޔާއިން ފެށިިގެން ސަރުކާރުގައި ނެތް ވައްކަން ނުކުރާ ހަމަ އެކަކުވެސް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރި 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެފަދަ ކަމެއް ރައީސް ޔާމީން ކުރައްވާފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ތަފުސީލްތައް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ހާމަކުރައްވާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ވަހީދު އިދިކޮޅުގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާތީ އެމްޑީޕީއަށް "ހަޖަމެއް" ނުވާ ކަމަށެވެ. އަދި ރައީސް ވަހީދު ދެކެ އެމްޑީޕީއާއި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޖެހިލުންވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.