ޚަބަރު

ލަންކާއިން ދިވެހި އާއިލާއެއް ހައްޔަރުކޮށްފި

އަލީ އަފާފު ރަމީޒު

8

އަވައްޓެރި ސްރީލަންކާއިން ދިވެހި އާއިލާއެއް ހައްޔަރުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ވަނީ "ވަން" އަށް އެކަން ކަށަވަރު ކޮށްދީފައެވެ. އެނގިފައިވާ ގޮތުގައި އެ އާއިލާ ހައްޔަރުކޮށްފައިވަނީ ވިސާ ހަމަވެ، ގަވައިދާ ހިލާފަށް ލަންކާގައި ދިރިއުޅެމުންދާތީއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އަދި ފަސް އަހަރު ވިސާ ނެތި ލަންކާގައި އުޅެފައިވާ މީހެއްވެސް ހިމެނެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިގެން ފޮރިން މިނިސްޓްރީން އެކަން ބަލަމުން އަންނަ ކަމަށެވެ.

މިއުވާން ވިދާޅުވީ ކޮންސުލޭޓުން ފޯރުކޮށްދޭންޖެހޭ އެހީތައް ފޯރުކޮށްދިނުމަށް ކުރެވެން ހުރި ކަންކަން ބަލަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށްވެސް އެފަދަ މައުލޫމާތެއް ލިބިގެން އެކަން މިދަނީ ބަލަމުން. އަޅުގަނޑުމެންގެ އިލްތިމާސްއަކީ ރާއްޖެއިން ބޭރުގައި އުޅޭ ހުރިހާ ދިވެހިންވެސް އެ ގައުމެއްގެ ގާނޫނުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުން. އަދި ވިސާގެ މުއްދަތު ހަމަވެފައިވާނަމަ ބަލައި އާކުރުމަށްވެސް ދިވެހިންނަށް ގޮވާލަން،" މިއުވާން ވިދާޅުވިއެވެ.

ލަންކާގައި މިދިޔަ އަހަރު ހިނގި ބޮންގޮއްވުމުގެ ހާދިސާއަށް ފަހު ގެތައް ޗެކްކުރުމުގެ ވަރުގަދަ އޮޕަރޭޝަނެއް ލަންކާގެ ސަލާމަތީ ބާރުތަކުން ވަނީ ފަށައިފައެވެ. މީގެ ކުރިން އެ އޮޕަރޭޝަންގެ ދަށުން ވެސް ދިވެހިންތަކެއް ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟