ޚަބަރު

ހިޔާ ފްލެޓުތަކާ ބެހޭގޮތުން އިތުރު ބަހަނާތައް ނުދައްކައި، ފްލެޓުތައް ހަވާލުކުރޭ: އިދިކޮޅު

1

ހިޔާ މަޝްރޫއުގެ ދަށުން ބިނާކޮށްފައިވާ ފްލެޓްތަކާ ބެހޭގޮތުން ދޮގު ވާހަކަތަކާއި އިތުރު ބަހަނާތައް ނުދައްކައި ފްލެޓްތަކުގެ ހައްގުވެރި ފަރާތްތަކާ ހަވާލުކުރުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ހިޔާ ޕްރޮޖެކްޓްގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގާއިމުކޮށްފައިވާ 7000 ފްލެޓާ ގުޅުވައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިން އަދި ވެރިކަން ކުރާ ޕާޓީގެ މެންބަރުން ތަކުރާރުކޮށް ދޮގު ހައްދަވަމުންދާ ކަމަށާއި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ކުރަމުންގެންދާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ބަޔާނުގައި ވަނީ ހިޔާ ޕްރޮޖެކްޓުގެ ދަށުން ރައީސް ޔާމީން ބިނާކޮށްފައިވާ ފްލެޓުތަކަކީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ބޭނުމުގައި އިމާރާތްކުރެވިފައިވާ ފްލެޓުތަކެއް ކަމަށެވެ. އަދި އެއީ އެތައް ރައްޔިތުންނަކަށް ހިތްހަމަޖެހުން ގެނުވައިދެވުނު މަޝްރޫއެއް ކަމަށް ބުނެފައިވެއެވެ.

"ފްލެޓްތަކާ ގުޅުވައިގެން ދޮގު ވާހަކަތަކާއި އިތުރު ބަހަނާތައް ދެއްކެވުމެއް ނެތި، އެ ފްލެޓުތަކުގެ ހައްގުވެރިންނާ އެ ފްލެޓުތައް ލަސްނުކުރައްވައި ހަވާލުކުރެއްވުމަށް ގޮވާލަން،" ބަޔާނުގައިވެއެވެ.

މާލެއާއި ހުޅުމާލޭގައި ރައްޔިތުން ދިރިއުޅެމުންގެންދާ ފްލެޓްތަކާއި ކޮޓަރިތަކަށްވުރެ ހިޔާ ޕްރޮޖެކްޓްގެ ދަށުން ބިނާކުރެވުނު ފްލެޓުތަކާއި ކޮޓަރިތައްވެސް ކުޑަ ނުވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ. ބަޔާނުގައި ވަނީ ރައީސް ޔާމިންގެ ވެރިކަމުގައި ނިންމަވާފައިވާ ގޮތުންނަމަ، ފްލެޓުތަކުގެ މަސައްކަތް އެންމެ ފުރިހަމައަށް ނިންމައި އޭގެ ހައްގުވެރިންނާ 2019 ވަނަ އަހަރުގެ ޖުލައި މަހު ހަވާލުކުރެވޭނެ ކަމަށެވެ.

"ފްލެޓުތަކުގައި ދޮރާއި ޓައިލްސް ނުހުންނާނެ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީވެސް ދޮގު ވާހަކަތަކެއް. ފްލެޓުތަކުގެ ކުލީގެ ގޮތުގައި ރައީސް ޔާމީނުގެ ސަރުކާރުން ހަމަޖައްސަވާފައިވާ ގޮތަށް މަހަކު -/5600 ރުފިޔާއަށް މި ކޯލިޝަނުގެ ވެރިކަމެއްގައި އޭގެ ހައްގުވެރިންނަށް އެ ފްލެޓުތައް ދޫކުރާނަން. ރައްޔިތުން އަތުން އިތުރަށް ނަގާ ފައިސާވެސް މައާފުކޮށްދޭނަން،" ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފްލެޓުތަކާ ގުޅުވައިގެން ސަރުކާރުގެ ފަރާތުން ބަހަނާ ދައްކައި ދޮގު ވާހަކަތައް ދައްކަމުން ގެންދަނީ ރައްޔިތުން ނިކަމެތިކޮށް، އެ ފްލެޓުތައް ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީން ބޭނުންވާ ވަކި ބަޔަކަށް ބަހާލުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި އެފަދަ ކަންކަން ނުކުރުމަށްވެސް އިދިކޮޅުން ވަނީ ގޮވާލައިފައެވެ.

އިދިކޮޅުން މިގޮތަށް ގޮވާލާފައިވާ އިރު، މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ހިޔާ ފްލެޓުތަކަށް މީހުން ވެއްދިޔަސް އެތަނުގައި މީހުން ދިރިއުޅޭނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށާއި އެއީ ކޮށްފައި އޮތް ވަރަށް ބޮޑު ބޭކާރު ހަރަދެއް ކަމަށެވެ.

ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށާއި ނުނިމި ހުރީ ވަރަށް މަދު މަސައްކަތެއް ކަމަށެވެ. ފްލެޓުގެ މަސައްކަތް ނިންމަން ވަރަށް މަސައްކަތްކުރެވޭ ކަމަށާއި ހައްގުވާ ފަރާތްތަކަށްދޭނެ ކަމަށެވެ. އަދި އޭގައި ހިފަހައްޓައިގެން ނުތިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟