ޚަބަރު

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އަލީ ޔާމިން

ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ހަ ވަނަ މާއްދާގެ (ޅ) އިން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން އައްޔަން ކުރެވޭ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ މަގާމަށް މީހަކު އައްޔަން ކުރާނީ ތިން އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ކަމަށް ވެސް އިއުލާނުގައިވެއެވެ.

ފެންވަރު ނުވަތަ ޝަރުތު

  • ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުން
  • މިފެންވަރުގެ މަގާމެއްގައި މަދުވެގެން ފަސް އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
  • ޑައިނަމިކް ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ގާބިލުކަން ހުރުން
  • އެގްޒެކެޓިވް ސްޓެރެޓެޖިކް ޕްލޭނިން އަދި ޕޮލިސީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ފަންނީ ތަޖްރިބާ ލިބިފައިވުން
  • އިނގިރޭސިބަހުން މުއާމަލާތްކުރުމާއި ލިޔުންތެރިކަމުގެ ހުނަރު ހުރުން

ޕެންޝަން އޮފީހުން ބުނީ، ސީއީއޯގެ މަގާމަށް ކުރިމަތިލާ މީހުންގެ ނަންތައް ޝޯޓް ލިސްޓް ކުރުމުގައި ފައިނޭންޝަލް އަދި ޕެންޝަނާ ގުޅުންހުރި ދާއިރާއިން ތަޖުރިބާ ހޯދައިފައިވާ މީހުންނާއި އެފަދަ އިންސްޓިޓިއުޝަންސްތަކުގައި އެގްޒެކެޓިވް މަގާމު އަދާ ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެ ކަމަށެވެ.

ޕެންޝަން އޮފީހުން ސީއީއޯގެ މަގާމަށް ކުރިމަތިލައްވަން ޝައުގުވެރިވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަން އެދިފައިވަނީ 16 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން، ޕެންޝަން އޮފީހުގެ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށެވެ.