ޚަބަރު

ހުޅުމާލެ ވިއްކާލަފާނެ ކަމަށް ވިދާޅުވެ އެޗްޑީސީ އުވައިލުމަށް ބޮންޑާ ހުށަހަޅުއްވައިފި

އިބްރާހިމް ޒަކީ

2

ދަރަނި ނުދެއްކިއްޖެ ހާލަތެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީި) އިން ބޭރު ބަޔަކަށް ހުޅުމާލެ ވިއްކާލަފާނެ ކަމަށް ވިދާޅުވެ އެޗްޑީސީ އުވާލުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ހުޅުމާލޭ ފޭސް ދޭކުން ބިން ވިއްކުމާބެހޭ މައްސަލަ ބަލައިދިނުމަށް އެދި އިބްރާހިމް ރަޝީދު ހުށަހެޅި މައްސަލައާ ބެހޭގޮތުން ކުރިއަށްދިޔަ ބަހުސްގައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުމާ ބެހޭގޮތުން، އެޗްޑީސީން ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހުޅުމާލެ ބިމަކީ އެތަނުގައި ދިރިއުޅޭ އެންމެންނަށް ބޭނުންވާ ހިދުމްތަތަކާއި ކަންކަން ހަމަޖެއްސުމުގެ އިތުރުން ވިޔަފާރީގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ބިމެއް ކަމަށާއި ހުޅުމާލެ ފޭސް ދޭއްގައި ހިއްކާފައިވާ ބިމަކީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ ބިމެއް ކަމަށެވެ. އަދި އެ ދެބިންވެސް ރަޖިސްޓްރީ ކޮށްފައިވަނީ އެޗްޑީސީއަށް ކަމަށާއި އެހެންކަމުން އެ ދެ ބިމުންވެސް ކަނޑައަޅާ އުސޫލުގެ ދަށުން ބިން ވިއްކުމުގެ ބާރު އެ ކުންފުންޏަަށް ލިބިފައިވީ ނަމަވެސް މިވަގުތު ބިން ވިއްކަން ހަމަޖެހިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ބޮންޑާ ވިދާޅުވީ، އެ ބިމަކީ އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްފައިވާ ބިމަކަށް ވެފައި، ޗައިނާގެ އެގްޒިން ބޭންކުފަދަ ތަންތަނުން އެޗްޑީސީއަށް ލޯނު ނަގައިވާއިރު، އެ ލޯނުތައް ނުދެއްކިއްޖެނަމަ ބޭރު ބަޔަކަށް ހުޅުމާލެ ވިއްކާލުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ހުޅުމާލެ އެއްކޮށް ގަނެލާނެ ވަރުގެ މުއްސަނދިން އެބަތިބި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެޗްޑީސީގެ އިސް ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް އޮޅުން ފިލުވަންޖެހޭ ކަންކަން އޮޅުން ފިލުވުމަށާއި، އެޗްޑީސީ ވަގުތުން ވަގުތަށް އުވައިލުމުގެ މަސައްކަތް ކޮމީޓީން ކުރިއަށް ގެންދިއުމަަށް ބޮންޑާ ހުށަހެޅުއްވިއެވެ.

ބޮންޑާގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ، އެޗްޑީސީ އުވައިލަން ތާއީދުކުރައްވާ ކަމަށާއި ނޫންނަމަ ފުވައްމުލަކު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ދިއްދޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އައްޑޫސިޓީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މަތިވެރި ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހަދައިގެން އެތަންތަނުގެ ދަނޑުތަކާއި، ތަންތަން ހަވާލުކުރަންވީ ކަމަށެވެ.

ނަމަވެސް ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ އެފަދަ ހުށަހެޅުންތައް ހުށަހެޅުއްވުމަށްވުރެ މަޖިލިސް މެންބަރުން ޒިންމާދާރުވާން ޖެހޭ ކަމަށެވެ.

ސަރުކާރުން ކުންފުންޏެއް އުފައްދަނީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި ކޮމިޓީގެ މެންޑޭޓަކީ އެ އުފައްދާ ކުންފުނީގެ މަގުސަދު ހާސިލުވޭތޯ ބަލައި، ކަންކަން ގޯސްކޮށްދާނަމަ އެކަން ރަނގަޅު ކުރަން ހުށަހެޅުން ކަމަށް އިލިޔާސް ލަބީބް ވިދާޅުވިއެވެ. އަދި ކުންފުންޏެއްގެ ކަންތައްތައް ވަރަށް ބޮޑަށް ގޯސްވެއްޖެނަމަ ކޮމިޓީން އެކަމަށް ރެކޮމެންޑް ކުރެވިދާނެ ކަަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އިލިޔާސް ލަބީބު ވިދާޅުވީ، ކުންފުންޏަކާ މެދު ހިތްހަމަނުޖެހޭ އިރަށް ކުންފުނި އުވައިލަން ހުށަހެޅުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟