ސަލާމަތީ އެއްބާރު ކަމަށްވާ މޯލްޑިވްސް ޕޮލިސް ސާވިސެސްގެ އިމާރާތެއްްގައި ސަލާމަތީ ގޮތުން އެއްވެސް ރައްކާތެރިކަމެއް ނެތި މަސައްކަތްކުރަމުންދާ ވީޑިއޯއެއް "ވަން އޮންލައިން"އަށް ލިބިއްޖެ އެވެ.
ސަލާމަތީ ގޮތުން އެއްވެސް ރައްކާތެރިކަމެއް ނެތި މަސައްކަތްކުރަމުންދަނިކޮށް ނަގައި "ވަން އޮންލައިން"އާ ކިޔުންތެރިޔަކު ހިއްސާކޮށްފައިވާ ވީޑިއޯ އަކީ ހެންވޭރުކޮޅުގައި އިމާރާތްކުރަމުން އަންނަ ފުލުހުންގެ ސީއައިޑީ އިމާރާތުގައި ބިދޭސީން މަސައްކަތް ކުރާ ވީޑިއޯ އެކެވެ.
ވީޑިއޯއިން ފެންނަނީ އެ އިމާރާތުގެ 11 ވަނަ ބުރީގައި ތަނބެއްގެ މަސައްކަތް ކުރާން އުޅޭ މީހުންނެވެ. އެ މީހުން ތަނބު ތައްގަނޑުގެ މައްޗަށް އަރައިގެން އުޅޭ އިރު ބޮލުގައި ހެލްމެޓެއް އަޅައިފައެއް ނުހުރެ އެވެ. އަދި ތިރިޔަށް ވެއްޓިދާނެކަމަށް ބަލައި ގައިގައި ސަލާމަތީ އެއްވެސް ބަނދެވުމެެއް ވެސް ނުހުރެ އެވެ.
"ވަން އޮންލައިން" ގެ ނޫސްވެރީން އެތަނަށް ގޮސް ބެލި އިރު، އިމާރާތް ކުރަނީ ކޮން ބައެއްކަން އެނގޭނެ ނަންބޯޑެއް ހަރުކޮށްފައި ނެތުމުން އެތަނުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރަކީ ކޮބައިކަމެއް ސާފެއް ނުވި އެވެ. އެހެން ނަމަވެސް ތިރީގައި ހުރި ބޯޑެއްގައި ސަލާމަތީ އިންޒާރުތައް ޖަހާފައި ހުއްޓެވެ.
"އެންމެ މުހިންމީ ސަލާމަތާއި ރައްކާތެރިކަން"، "ނުރައްކާ! މަސައްކަތް ކުރިޔަށް ދަނީ"، "ހަރު ހެލްމެޓް އަޅަން ޖެހޭނެ"، ސަލާމަތީ ގޮތުން ވަރުގަދަ ބޫޓަށް އަރަން ޖެހޭނެ." މި ހުރިހާ އިންޒާރެއް ތިރީގައި ހުރި ބޯޑެއްގައި ލިޔެފައި ހުއްޓެއް ކަމަކު އެތަނުގެ 11 ވަނަ ބުރީގައި މަސައްކަތްކުރާން ތިބި މީހުން ތިބީ އެއިން އެއްވެސް ސަލާމަތީ ފިޔަވަޅެއް އަޅައިގެނެއް ނޫނެވެ.
ވަން އިން މި އިމާރާތާ ބެހޭ މައުލޫމާތު ސާފު ކުރުމަށް ގުޅުމުން ފުލުހުން ވަނީ މި އިމާރާތަކީ ފުލުހުންގެ އިމާރާތެއްކަން ކަށަވަރު ކޮށްދެއްވައިފައެވެ.
ދާދި ފަހުން ސިޓީ ކައުންސިލުން ވެސް ވަނީ މި ފަދަ ގޮތަކަށް މަސައްކަތް ކުރާ ސައިޓު ތަކުގެ މައުލޫމާތު އެފަރާތަށް ވެސް ހިއްސާކުރަން އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.