އަލީ ޔާމިން
ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތް ތައާރަފުކުރުމުގެ ޕައިލެޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތް ތައާރަފުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ވަގުތީގޮތުން އެ ހިދުމަތްދިނުމުގެ އަޖުމަބެލުމުގެ މަޝްރޫއު (ޕައިލެޓް ޕްރޮޖެކްޓް) އެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
އެ ޕްރޮގްރާމަކީ ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން، ހިދުމަތަށް ރައްޔިތުން އަހުލުވެރިކުރުމާއި ރާއްޖޭގެ މާހައުލުގައި ހިދުމަތްދިނުމުގައި ހިދުމަތް ދޭ ފަރާތްތަކުން ގެންގުޅެންޖެހޭ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމާއި ހިދުމަތަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރު ބެލުމަށްޓަކައި ހިންގޭ މަޝްރޫއެއް ކަމަށް ބްރޯޑްކޮމްއިން ބުނެއެވެ.
މީގެ އިތުރުން ބްރޯޑްކޮމްއިން ބުނީ މި މަޝްރޫއުގައި ބައިވެރިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލު ކޮމިޝަނުން އެކުލަވާލައިފައިވާ ކަމަށާއި އެގޮތުން ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ވަގުތީ ހިދުމަށް ހުޅުވާލެވޭ ދާއިރާއަކީ ތައުލީމީ ދާއިރާ ކަމަށެވެ.
ތައުލީމީ ދާއިރާއިން ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ވަގުތީ ހިދުމަތް ދިނުމުގެ އަޖުމަބެލުމަށް މި މަޝްރޫއުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެކަމަށް އެދޭ ފޯމާއި ލިޔުންތައް ފުރިހަމަކުރުމަށްފަހު، މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިކަމަށް އިއުތިރާޒު ނުކުރާ ކަމުގެ ލިޔުމާއެކު، އަންނަ އޮގަސްޓް 31ގެ ކުރިން ކޮމިޝަނަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދޭ ކަމަށްވެސް ބްރޯޑްކޮމްއިން ބުނެފައިވެއެވެ.