އިބްރާހިމް ޒަކީ
މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށް ކަނޑައަޅާފައިވާ "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުުގެ މިނިވަން ކަމުގެ ގާނޫނު" އަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނު އުވައިލުމަށް ހުށަހެޅުއްވި ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.
ވަން އޮންލައިނަށް މައުލޫމާތުދެއްވަމުން ޖާބިރު ވިދާޅުވީ، އެ އިސްލާހު އަވަސްކޮށްދެއްވުމަށް މަޖިލީހުގެ ރައީސަށް ގޮވައިލެއްވީ، އެ ބިލު ބަލައިގަނެ ކޮމިޓީ ލެވެލްގައި އޮންނަތާ އެތައް މަހެއް ވެފައިވާތީ ކަމަށެވެ.
އެއްވެ އުޅެވޭނީ ހޯމް މިނިިސްޓްރީން ކަނޑައަޅާ ވަކި ތަންތަނަށް ކަމަށް ކަނޑައަޅައި، 2016 ވަނަ އަހަރު ހެދި ގާނޫނަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހެދި ގާނޫނެއް ކަމަށާއި ގާނޫނުއަސާސީގައި އޮންނަގޮތުންނަމަ އެއީ އުވައިލެވެންޖެހޭ ގާނޫނެއް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، އެ ގާނޫނު އުވައިލުމުން ހުރަހެއްނެތި ދިވެހި ރައްޔިތުންނަށް އެއްވެ އުޅެވޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީގައި ވެސް އެއްވެ އުޅުމަށް އެއްވެސް ހުރަހެއް ނޯންނާނެކަން ބަޔާންކޮށްފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ހުށަހަޅުއްވި ބިލުގައި ބުނެފައިވަނީ އެ އިސްލާހު ހުށަހެޅުއްވީ ފެހި ގާނޫނުއަސާސީގެ ހިޔަލުގައި ރާއްޖެ ފުރިހަމަ ޑިމޮކްރެޓިކް ވެއްޓަކަށް ފައްކާވަމުންދާހިނދު ސުލްވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބެމުންދިޔަ ހައްގުތައް، 2016 ވަނަ އަހަރު އެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުން ވަރަށް ބޮޑަށް ހަނިކުރެވިފައިވުމަކީ، އެތައް ރައްޔިތުންނެއް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އެ އިސްލާހު ހުށަހެޅުއްވީ ދިވެހިން އެދެމުން އަންނަ ފުރިހަމަ ޑިމޮކްރެޓިކް ވެއްޓެއް ދިވެހިންނަށް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ކަމަށްވެސް ބުނެފައިވެއެވެ.
ޖާބިރު އުވައިލަން ހުށަހަޅާފައިވާ ގާނޫނުގައި ބުނެފައިވަނީ ފުލުހުންގެ ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށެވެ.