އިންޑިއާއިން މަތީ ތައުލީމް ހާސިލު ކުރުމުގެ 1،000 ހިލޭ ފުރުސަތު އެގައުމުގެ ސަރުކާރުން ރާއްޖެއަށް ހަމަޖައްސައިދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ދަތުރާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ މަތީ ތައުލީމަށް ކިޔެވުމުގެ ހިލޭ އެހީއަކީ ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ތެރެއިން ދެވޭ ފުރުސަތުތަކެއް ކަމަށެވެ.
ތަފާތު ދާއިރާތަކުން މަތީ ތައުލީމް ހާސިލު ކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ އިރު އެ މަތީ ތައުލީމްގެ ހިލޭ ފުރުސަތުތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ރައީސް ހާމަކުރައްވާފައެއް ނުވެއެވެ.
މަތީ ތައުލީމުގެ އިތުރުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ސިނާއަތާއި ދަނޑުވެރިކަމާއި އަދި ސަގާފީ ކަންކަމުގައި އިތުރަށް ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ އެ ދަތުރުފުޅުގައި ސޮއިކުރައްވައިފައެވެ.