ޚަބަރު

ކޮވިޑާއެކު ހުރި ގޮންޖެހުންތަކާއެކު ވެސް ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕްތައް މެދުނުކެނޑި ކުރިޔަށްދާނެ: ރައީސް

ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާއެކު ވެސް ސްޓޫޑަންޓް ލޯން ސްކީމާއި ސްކޮލަޝިޕްތައް މެދުނުކެނޑި ކުރިޔަށްދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑާއެކު ވެސް ދިވެހިންނަށް މަތީ ތައުލީމަށާއި ތަމްރީނުގެ ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން ސްޓޫޑަންޑް ލޯނު ސްކީމާއި ހައި އެޗީވާސް ސްކޮލަޝިޕް އަދި ޕްރެޒިޑެންޓްސް އެވޯޑް ސްކޮލަޝިޕް ވެސް މެދުނުކެނޑި ކުރިޔަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވި އިރު، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕްގައި ކިޔެވުމުގެ ފުރުސަތު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލައިފައެވެ.

ރައީސްގެ ސްކޮލަޝިޕް 2017 ވަނަ އަހަރުން ފެށިގެން ދެމުން އަންނަނީ އޭ ލެވެލް އިން ފަސް މާއްދާ އިން އޭ ސްޓާ ހޯދައިގެން މުޅި ރާއްޖެއިން އެއްވަނަ ހޯދާ ނުވަތަ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލްކުރާ ދަރިވަރުންނަށެވެ. މި ލޯނު ސްކީމުގެ ދަށުން ބޭނުން ތަނަކުން ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ދެމުން އަންނަނީ ފަސް މާއްދާއިން އޭ ހޯދާ ދަރިވަރުންނަށް ނުވަތަ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ. އެ ސްކޮލަޝިޕްގެ ދަށުން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބޭނީ ސާކުގެ ގައުމުތަކާއި މެލޭޝިޔާ، ތައިލެންޑު، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ގައުމުތަކުންނެވެ.