ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅާލާފައިވާ ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުފުށީގައި ޓޫރިޒަމް ޓްރެއިނިން ސްކޫލެއް ތަރައްގީކުރަން ރާވާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އިއްޔެ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށެވެ.
"ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ފޭސް ޓޫގެ ވަރަށް ގިނަ ޑިވެލޮޕްމަންޓްތައް އެބަ އިއުލާންކުރަން. އޭގެ ތެރޭގައި ޓޫރިޒަމް އައިލެންޑުގައި ހިމެނޭ ކަންތައްތަކާއި އޭގެ އިތުރުން ކުރީގެ ފަރުކޮޅުފުށި ހިމެނޭ ސަރަހައްދުގެ ޑިވްލޮޕްމަންޓްސްތައް ހިމެނޭ،" ސުހެއިލް ވިދާޅުވިއެވެ.
ސުހެއިލް ވިދާޅުވީ، ފަރުކޮޅުފުށީގައި ގާއިމް ކުރަން ނިންމާފައިވަނީ ޓްރެއިނިން ސްކޫލެއް ކަމަށާއި ސަރުކާރުން ވެސް އެކަމަށް ޝައުގުވެރިކަން އެބަހުރި ކަމަށެވެ.
ފަރުކޮޅުފުށީގައި ޓޫރިޒަމް ޓްރެއިނިން ސްކޫލެއް ގާއިމްކުރަން ނިންމާފައިވާއިރު އެތަން ކުރިން ތަރައްގީކުރަން ނިންމާފައި އޮތީ ހެރިޓޭޖް ސަރަހައްދެއްގެ ގޮތުގައެވެ. އޭރު ސުހެއިލް ވިދާޅުވި ގޮތުގައި، އެތަން ހުންނާނީ ރާއްޖޭގެ އާޓިސްޓުން އުފައްދާ ކްރާފްޓްސް ކަންތައްތައް ތަރައްގީކޮށް، އެރަށުގައި އެފަދަ ތަކެތި ހަދައިގެން ޓޫރިސްޓުންނަށް އެއްޗެހި ވިއްކާ ސަރަހައްދެއްގެ ގޮތުގައެވެ.