ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިސަރުކާރު ދެމިއޮންނާނީ ކޯލިޝަންގެ ސަރުކާރެއްގެ ގޮތުގައި: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

މިހާރު އޮތް ސަރުކާރު ކޯލިޝަންގެ ސަރުކާރެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ފަސް އަހަރުގެ ދައުރަކަށް ރައްޔިތުން އެމަނިކުފާނު އެމަގާމަށް އިންތިޚާބު ކުރެއްވި ސަބަބު ވަރަށް ސާފުު ކަމަށެވެ.

''އިރާދަ ކުރެއްވިއްޔާ މިސަރުކާރު ދެމިއޮންނާނީ ކޯލިޝަންގެ ސަރުކާރެއްގެ ގޮތުގައި. އަޅުގަނޑު ރައްޔިތުން އިންތިޚާބުކުރި ގޮތް އަޅުގަނޑަށް ވަރަށް ސާފު. އެހެންވީމާ އެގޮތުގެ މަތީގައި އަޅުގަނޑު ދެމިހުންނާނީ.'' ރައީސް ވިދާޅުވިއެވެ.

ކޯލިޝަނާ މެދު ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ވިދާޅުވެފައި މިވަނީ މަޖިލީހުގެ އިންތިޚާބުގެ ދާއިރާތައް ކަނޑައެޅުމުގައި، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ އާއި އެހެން ޕާޓްނަރުންނާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ގޮނޑިއަކަށް ވާދަކުރަން އެމްޑީޕީން ނިންމާފައިވަނިކޮށް ގާސިމް އިއްޔެ ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީންވެސް ހުރިހާ ދާއިރާއަކަށް ވާދަކުރެވިދާނެ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ކޯލިޝަންގެ މެދުގައި މާދަމާ މަޝްވަރާކުރުމަށް ލީޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ރައީސް ސޯލިހު ވަނީ ނިންމަވައިފައެެވެ.