ރައީސް އޮފީހުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފްލެޓުތަކުގައި ދޮރެއް ނެތް ކަމަށާއި ތަށިމުށި ވެސް ނުޖަހާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ފްލެޓަށް ވަންނަ މީހުންގެ ތެރެއިން ގިނަ ބަޔަކު އެ ތަނުގައި ދިރިއުޅެން ބޭނުން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޖުމްލަ 434 މިލިއަން ޑޮލަރު (6.6 ބިލިއަން ދިވެހި ރުފިޔާ)ގެ ލޯނެއްގެ ދަށުން ޗައިނާ ސަރުކާރުގެ އެންމެ ބާރު ގަދަ އެއް ކުންފުނި ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 25 ބުރީގެ 16 ޓަވަރުތަކުގައި 7000 ފްލެޓް ހިމެނެއެވެ.
އެޗްޑީސީން ބުނާ ގޮތުގައި، ފްލެޓްތަކުގެ 90 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. ނަމަވެސް އެއްވެސް ތަނެއްގައި ބޮތްކެއް، ކޭބަލް ޓީވީއެއް، ތަޅުމުގައި މުއްޓެއް، ކޮޓަރިތަކާއި ފާހާނާތަކުގައި ދޮރެއް ހަރުކޮށްފައެއް ނެތެވެ. އެޕާޓްމަންޓްތަކުގައި ލާފައި ހުރީ ޕްރައިމާ އެކަންޏެވެ. ބަދިގޭގައި ސިންކު ބަހައްޓަން ކޮންކުރީޓް ބެންޗެއް ހަދާފައި ހުރި ނަމަވެސް ބަދިގޭ ކަބަޑު ސެޓެއް ފެންނާކަށް ނެތެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލް ވިދާޅުވި ގޮތުގައި، ފްލެޓްތައް މިހާރު ނިންމާފައި އެހެރީ ކޮންޓްރެކްޓާ އެއްގޮތަށެވެ. އެއީ ފިނިޝިންގެ މަސައްކަތްތައް ކުރުމަށް މަޝްރޫއުގެ ކޮންޓްރެކްޓް ހެދިއިރު ހިމަނާފައި ނުވާތީއެވެ. އަދި އެ މަސައްކަތް ފުރިހަމަ ކުރުމަށް އިތުރު 45 މިލިއަން ޑޮލަރު ބޭނުންވާއިރު ސަރުކާރުން މިހާރު ނިންމާފައިވަނީ އެކަމަށް ނަގަން އުޅުނު ލޯނު ނުނަގާށެވެ. ސުހެއިލް ވިދާޅުވި ގޮތުގައި އެ ލޯނަކީ ހިޔާ މަޝްރޫއުގެ ފިނިޝިންއަށް ކުރީ ސަރުކާރުން ވެސް ނަގަން ވާހަކަދައްކަމުންދިޔަ ލޯނެކެވެ.
ތަނުގެ ފިނިޝިން ނުނިންމައި ފްލެޓްތައް ހަވާލުކުރަން ސަރުކާރުން ނިންމާފައިވާއިރު ފްލެޓްތަކަށް ވަދެވޭވަރު ކުރަން ކިހާ ވަރެއް ހަރަދުވާނެތޯ މިއީ މިހާރު އުފެދޭ ސުވާލެކެވެ.
ސުހައިލް "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި، ކޮންޓްރެކްޓަރު ދީފައި ހުރި ރޭޓުން ބަލާނަމަ އެޕާޓްމަންޓެއްގެ ފިނިޝިން މަސައްކަތްތަކަށް 95،000 ރުފިޔާ ވަރު ހަރަދު ވާނެއެވެ. އެއީ ތަކެތި ގަތުމަށާއި ލޭބާ މަސައްކަތުގެ އަގު ވެސް ހިމަނައިގެން "ރީޒަނަބަލް" އަގެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މަރާމާތުތައް ކުރުމަށް ފައިނޭންސިން ކޮށްދޭ ގޮތަކަށް އަދި ހަމަޖެހިފައެއް ނެތް. 45 މިލިއަން ޑޮލަރު އެ އަރަނީ ވަރަށް ގިނަ އަދަދެއްގެ ފްލެޓް ވީމަ ދެއްތޯ. އިންޑިވިޖުއަލްކޮށް މީހަކަށް ޖެހޭ މިންވަރު ނިސްބަތުން އެހާ ބޮޑެއް ނުވާނެތާ ދެއްތޯ. ބައެއް މީހުންނަށް ކޮންޓްރެކްޓަރު ކޮށްދޭ އަގަށްވުރެ އަގުހެޔޮކޮށް ކުރެވޭނެ ގޮތްތައް ވެސް ހުރެދާނެ. ރައްޓެއްސަކު ލައްވާ އެކަންތައް ކޮށްލުން ކަހަލަ،" ސުހެއިލް ވިދާޅުވިއެވެ.
ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުނިންމައި ދޭއިރު އެ މަސައްކަތްތައް ނިންމުމަށް ވަކި މުއްދަތެއް ދޭނެ އެވެ. އެއީ ކިހާ މުއްދަތެއް ކަމެއް ވިދާޅެއް ނުވެއެވެ.
"އަޅުގަނޑުމެން ބަލާނީ މީހުންނާ ތަންތަން ހަވާލުކޮށްފަ ކޮންމެވެސް ވަރެއްގެ މުއްދަތެއް ކުލިވެސް ނުހިނގާ ގޮތަށް ދޭން ފިނިޝިން މަސައްކަތް ކުރަން. އެ މުއްދަތުގެ ތެރޭގައި އެތަނުގައި ވަރަށް ގިނަ ކޮންސްޓްރަކްޝަން ކަންތައްތައް ހިނގާނެ. ޓައިލްސް ޖެހުމާއި ދޮރު ޖެހުމާއި ކަބަޑު، ބައެއް މީހުން އަމިއްލައަށް ފަރުނީޗަރު ވެސް ޖަހާ. އެހެންވީމަ އަޅުގަނޑުމެންދޭ މުއްދަތުގެ ތެރޭގައި އެކަން ނިންމާފައި މުއްދަތު ނިމުނީމަ ކުލި ހިނގަން ފަށާނީ،" ސުހައިލް ވިދާޅުވިއެވެ.