ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ސީމަނުންނާއި ސުޕަޔޮޓްގައި މަސައްކަތް ކުރާ ޒުވާނުންނަށް ވަޒީފާ ހޯދުމަށް ބޭރުގެ ފަރާތްތަކާ މަޝްވަރާކުރަނީ

އިބްރާހިމް ޒަކީ

ސީމަނުންނަށާއި ސުޕަޔޮޓް ފަހަރުގައި މަސައްކަތް ކުރާ ޒުވާނުން އުފައްދައި، އެ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭރުގެ ފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ މިއދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ބޯޓް ދަތުރުކުރާ މީހުންގެ ދުވަސް، ނުވަތަ ދުނިޔޭގެ ސީ ފެއަރާސް ދުވަހާ ގުޅިގެން ދެއްވި ހިތޯބުގައެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ، ބޭރުފައިސާ ހޯދުމަށް ޓޫރިޒަމަށް ގައުމު ބަރޯސާވެފައި ވާއިރު، ޝިޕިން އާއި ސީފެއަރިން އަކީ ގައުމަށް ބޭރުފައިސާ އިތުރު ކޮށްދީފައިވާ ސިނާއަތެއްކަން މާޒީން ދައްކައިދީފައިވާ ކަމަށެވެ.

އެހެންކަމުން ބޭރު ފައިސާ ހޯދުމަށް މިދާއިރާއަކީ މުހިއްމުކަން ކުޑަ ދާއިރާއެއް ކަމުގައި ދެކޭ ގޮތް ބަދަލުކޮށް މި ދާއިރާ އިތުރަށް ތަރައްގީ ކުރަން މަސައްކަތް ކުރަން ޖެހޭ، ކަމަށާއި ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީ ކުރިއެރުވުމަށް ސަރުކާރުގެ އިސްތިރާޖީ އެކްޝަން ޕްލޭންގައި ހިމަނައި، އަމަލީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން 30 ނެވިގޭޝަން އޮފިސަރުންނާއި 30 އިންޖީނު އޮފިސަރުން ތަމްރީން ކުރުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތްވެސް ފަށައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ގޮތުން "ސީފެއަރަރސް އައިޑެންޓިޓީ ޑޮކިއުމެންޓް" ތައާރަފް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. ސީމަނުންނަށާއި ސުޕަޔޮޓް ފަހަރުގައި މަސައްކަތް ކުރަން ބޭނުންވާ ޒުވާނުން އުފައްދައި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ރާއްޖެއާއި ބޭރުގެ ފަރާތްތަކާއެކު މަޝްވަރާ ކުރެވެމުން އެބަދޭ. އެގޮތުން 30 ނެވިގޭޝަން އޮފިސަރުންނާއި 30 އިންޖީނު އޮފިސަރުން ތަމްރީން ކުރުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައި،" މިނިސްޓަރު ވިދާޅުވިއެވެ.