ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ފްލެޓްތައް ލިބޭ މީހުންނަށް، އެތަނުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ކުލި ނުހިނގާ ގޮތަށް ވަކި މުއްދަތެއް ދޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ޗައިނާ ސަރުކާރުގެ އެންމެ ބާރު ގަދަ އެއް ކުންފުނި ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 25 ބުރީގެ 16 ޓަވަރު ހަދައިފައިވާ އެތަނުގައި ޖުމްލަ 7000 ހައުސިން ޔުނިޓް ހިމެނެއެވެ. ނަމަވެސް 400 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ހެދި އެތަން ހަވާލުކުރާނީ ތަޅުމުގައި ތަށިމުށި ނުޖަހައި ކޮޓަރިތަކާއި ފާހާނާތަކުގައި ދޮރު ހަރުނުކޮށް އަދި ކުލަ ވެސް ނުލައެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވި ގޮތުގައި، އެ މަޝްރޫއުގެ ކޮންޓްރެކްޓް ހެދިއިރު ފިނިޝިން މަސައްކަތް ހިމަނައިފައެއް ނުވެއެވެ. އެ މަސައްކަތް އެގްރިމެންޓުގައި އޮތީ އޮޕްޝަނެއްގެ ގޮތުގައި ކަމަށާއި އަދި އެ މަސައްކަތަށް 45 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވެސް ސުހައިލް ވިދާޅުވިއެވެ. އެހެންކަމަށް ވާނަމަ މި ފްލެޓްތަކަށް ވަދެވޭވަރު ކުރާނަމަ، ކޮންޓްރެކްޓަރު ދީފަ އޮތް ރޭޓުން ބަލާނަމަ 95،000 ރުފިޔާ ވަރު ހަރަދުކުރަން ޖެހޭނެ އެވެ.
ސުހައިލް ވިދާޅުވީ، ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުނިންމައި ދޭއިރު އެ މަސައްކަތްތައް ނިންމުމަށް ވަކި މުއްދަތެއް ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބަލާނީ މީހުންނާ ތަންތަން ހަވާލުކޮށްފަ ކޮންމެވެސް ވަރެއްގެ މުއްދަތެއް ކުލިވެސް ނުހިނގާ ގޮތަށް ދޭން ފިނިޝިން މަސައްކަތް ކުރަން. އެ މުއްދަތުގެ ތެރޭގައި އެތަނުގައި ވަރަށް ގިނަ ކޮންސްޓްރަކްޝަން ކަންތައްތައް ހިނގާނެ. ޓައިލްސް ޖެހުމާއި ދޮރު ޖެހުމާއި ކަބަޑު، ބައެއް މީހުން އަމިއްލައަށް ފަރުނީޗަރު ވެސް ޖަހާ. އެހެންވީމަ އަޅުގަނޑުމެންދޭ މުއްދަތުގެ ތެރޭގައި އެކަން ނިންމާފައި މުއްދަތު ނިމުނީމަ ކުލި ހިނގަން ފަށާނީ،" ސުހައިލް ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ފިނިޝިންގެ މަސައްކަތްތައް ކޮންޓްރެކްޓުގައި ހިމެނިފައި ނެތް ކަމަށް އެޗްޑީސީން ބުނި ނަމަވެސް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެކަން ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ޕްރޮޖެކްޓް ފައިސާ ހަމަޖެހިފައިވަނީ ހުރިހާ ހަރަދެއް ހިމަނައިގެންނެވެ.