އިންތިހާބީ މަގާމުތައް އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ދެން މަހު މުސާރަ ދޭން ވާނީ ބަންދު ދުވަސްތަކަށް މުސާރަ ކަނޑާފައި ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަދި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސްއިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ގުނާނީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ނިހާން ކުރެއްވި އެ ޓްވީޓަށް އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދިނުމުގެ ގޮތުން ނިހާންވަނީ މަޖިލީހުގެ ބައެއް ޖަލްސާތައް ތިން މިނެޓް އަދި ހަތް މިނެޓް ތެރޭ ނިންމާލި ކަމަށްވެސް ވިދާޅުވެފައެވެ.
ނިހާންގެ ޓުވީޓަށް ރައްދުދިން މީހާ ވަނީ މުޅި މަހަށް މުސާރަ ބަހާލައިފި ކަމުގައި ވާނަމަ މަޖިލިސް މެމްބަރުންނަށް ލިބޭނީ ވަރަށް ކުޑަ މުސާރައެއް ކަމަށް ފާހަގަކޮށްފައެވެ. އަދި ގަޑިއިރެއް ނުވަތަ ދެގަޑިއިރަށްވެސް ޖަލްސާ ދިގުދެމިގެން ނުދާ ދުވަސްތައްވެސް ދާ ކަމަށް އެމީހާ ވަނީ ފާހަގަކޮށްފައެވެ. ބައެއް ޖަލްސާތައް ތިން މިނެޓް އަދި ހަތް މިނެޓް ތެރޭ ނިންމާލި ކަމަށް ނިހާން ވިދާޅުވީ އެކަމަށް ރައްދު ދެއްވަމުންނެވެ.
މަޖިލީހުގެ މެމްބަރުން ކޮންމެ އަހަރެއްގެ މައްޗަށް ކުރާ މަސައްކަތާއި ލިބޭ މުސާރަ ނުބައްދަލުކަމީ އާންމުންގެ ތެރޭ ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ބޮޑު މުސާރައެއް ލިބޭ މަޖިލިސް މެމްބަރުންނަށް މަޖިލީހުގެ މަސައްކަތް ނުކުރެވޭކަން އާންމުން ފާހަގަ ކުރާއިރު މަޖިލީހުގެ މިދައުރުގެ އެންމެ ފަހު ޖަލްސާ، މަޖިލީހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ވޯޓުލާން ކަނޑައަޅާފައިވާ ބިލްތަކަށް ވޯޓު ނާހައި ވަނީ ނިންމާލައިފައެވެ. އެ ޖަލްސާއަށް ފަހު މަޖިލިސް މެމްބަރުންނަށް ވަނީ ޗުއްޓީ ދީފައެވެ.