ޝަހީދާ އަބްދުﷲ ސައީދު
ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ބިލުތައް ފާސްކޮށް ނުދިން ނަމަވެސް، ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައިސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެކުލަވައިލި ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުތައް ދިނުމަށް ދެ ގާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވި ނަމަވެސް މަޖިލިސް ޗުއްޓީއަށް ދިޔައިރު އެގާނޫނު ފާސް ނުވި ކަމަށެވެ.
ނަމަވެސް ގާނޫނީ ބާރުތައް ނުލިބުނު ނަމަވެސް ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށާއި ދައުލަތަށް ގެއްލިފައި ހުރި ފައިސާ ހޯދުމަށްޓަކައި ސަރުކާރުން ނުފޮރޮޅާނެ އެންމެ ގާކޮޅެއް ވެސް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
''ދައުލަތުން ގެއްލިފައި ހުރި ފައިސާ ހޯދުމަށްޓަކައި އަޅުގަނޑުމެން ނުފޮރޮޅާނެ އެއްވެސް ގާކޮޅެއް ނޯންނާނެ. އެއީކީ ވަކި މީހަކަށް ވަކި ބަޔަކަށް ބަލައިގެން އަޅުގަނޑުމެން ކުރާ ކަމެއް ނޫން. މަޖިލީހުން މިވަގުތު އެއަށް ގާނޫނެއް ފާސް ނުކުރިޔަސް މިހާރު އޮތް ރިޔާސީ ކޮމިޝަންގެ ތެރެއިންނާއި އޭސީސީއާ ފުލުހުން މެދުވެރިކޮށް އެފައިސާ ހޯދާނަން.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުތައް ނުލިބުނީ މަޖިލީހުގައި ކޯލިޝަންގެ މެޖޯރިޓީ އޮވެ، ޖަލްސާއަށް އެބޭފުޅުންނަށް ހާޒިރު ވެވޭނެ ގޮތް މެދުވެރި ނުވުމުން ކަމަށެވެ. އަދި އެއީ ވަރަށް ދެރަ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.
''ކޮމިޝަންތަކަށް ބާރުތައް ދިނުމަށްޓަކައި އަޅުގަނޑުމެން ދެ ގާނޫނެއް މަޖިލީހަށް ހުށަހެޅިން. ނަމަވެސް މަޖިލީސް ޗުއްޓީއަށް ދިޔައިރު މަޖިލީހުގައި ކޯލިޝަންގެ މެޖޯރިޓީ އޮވެ، އެ ދެ ގާނޫނު ފާހެއްނުވި. ވަރަށް ދެރަ ކަމެއް އެއީ. ވަރަށް ހިތާމަކުރާ ކަމެއް އެއީ.'' ރައީސް ސޯލިހު ވިދާޅުވިއެވެ.
ނަމަވެސް މަޖިލިސް ޗުއްޓީގައި އޮއްވައި ޚާއްސަ ޖަލްސާއެއް ބާއްވައިގެން އެމަސައްކަތް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2018 ގެ ނޮވެންބަރު 17 ގެ ނިޔަލަށް ހިނގާފައިވާ މައްސަލަތައް ރިޔާސީ ކޮމިޝަނުން ބަލަން ނިންމުމާއި ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ކަމެއް ފަށާއިރު ވަކި ތާރީހެއް ޖަހަން ޖެހޭ ކަމަށާއި ގާނޫނުލް އުގޫބާތުގައި ވެސް ވަކި ތާރީހެއްގެ ފަހުން އޭގެ ކުރިން ކޮށްފައި ހުރި ކަންތައްތައް ނުބެލޭ ތާރީހެއް އޮންނަ ކަމަށެވެ.
އެހެންކަމުން ވަކި ތާރީހެއް ޖަހައިގެން ކުރިއަށް ގެންދަނީ އެކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.