ޚަބަރު

ހަތެއް ފެބްރުއަރީ 2012 ގައި ބަދަލުވެގެން ދިޔައީ ހުދުމުހުތާރު ވެރިކަމެއް: ޑރ. ދީދީ

އަލީ ޔާމިން

1

ހަތެއް ފެބްރުއަރީ 2012 ވީ ދުވަހަކީ ހުދުމުހުތާރު ވެރިކަމެއް ބަދަލުވެގެން ދިޔަ ދުވަހެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ހަތެއް ފެބްރުއަރީ 2012 އަކީ އޭރު ވެރިކަމުގައި ހުންނެވި މުހައްމަދު ނަޝީދު ރައީސްކަމުން އިސްތިއުފާދެއްވި ދުވަހެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ، ހިނގި ހަމަނުޖެހުންތަކަށް ފަހުގައެވެ.

ޑރ. ދީދީ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހަތެއް ފެބްރުއަރީއަކީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ ކަމުގައިވާ ރައްޔިތުންގެ ސިޔާދަތު މި ގައުމުގައި ކަށަވަރުވެގެން ދިޔަ ދުވަހެއް ކަމަށާއި އެ ދުވަހަކީ ހުދުމުހުތާރު ވެރިކަމެއް ޕޮޕިއުލާ ރެވެލިއުޝަނަކުން ބަދަލުވެގެން ދިޔަ ދުވަހެެއް ކަމަށެވެ.

މީގެ އިތުރުން ޑރ. ދީދީ ވިދާޅުވީ، ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައި ދުވަހު ރައްޔިތުންނަށް ކުރި އަނިޔާތަކަކީ ދުވަހަކުވެސް ދިވެހިން ހަނދާން ނެތޭނެ ކަމެއް ނޫން ކަމަށެވެ.

"އަށެއް ފެބްރުއަރީ 2012 ގައި ރައްޔިތުންނަށް ކުރި އަނިޔާތަކާއި ތަންތަން ރޯކުރި ކުރުމަކީ ތަގާދުމްވާނެ ކުށްތަކެއް ނޫން،" ޑރ. ދީދީ ވިދާޅުވިއެވެ.

ޑރ. ދީދީ މިހެން ވިދާޅުވިއިރު ހަތެއް ފެބްރުއަރީގައި ހިނގައިދިޔަ ކަންތައްތަކަކީ "ބަގާވާތެއް" ކަމަށާއި ވެރިކަން ވައްޓާލި ގޮތް އަލުން ބެލި ނަމަވެސް އެއީ "ބަގާވާތެއް" ކަން ޔަގީންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ "ބަގާވާތަކުން" ކަމަށް ކަމަށް އެމަނިކުފާނާއި އެމްޑީޕީން ބުނަމުން ގެންދާއިރު ވެރިކަން ބަދަލުވި ގޮތް ބަލަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށާއި އެކަން އެމަނިކުފާނު ކުރެއްވީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟