ޚަބަރު

އިންސާނީ ހައްގުތަކާ ބެހޭ މުހިންމު ދެ މުއާހަދާއެއް ރާއްޖެއިން ތަސްދީގުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފި

އަލީ ޔާމިން

އިންސާނީ ހައްގުތަކާ ބެހޭ މުހިންމު ދެ މުއާހަދާއެއް ދިވެހިރާއްޖެއިން ތަސްދީގުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފައިވާތީ، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ރާއްޖެއިން ތަސްދީގުކުރުމަށް ނިންމެވި ދެ މުއާހަދާއަކީ، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ގާއިމުކުރެވިފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމަށްވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯޕީއައިސީއީއެސްސީއާރު)" އާއި "އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީއީޑީ)" އާ ބެހޭ މުއާހަދާއެވެ.

ރައީސް ސޯލިހު މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީން ހުށަހެޅި ދެ ކަރުދާހުގެ މައްޗަށް މަޝްވަރާކުރެއްވުމަށްފަހުގައެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" މުއާހަދާއަކީ އިންޓަނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސްގެ ދަށުން ކަށަވަރުކޮށްދޭ އިގުތިސޯދީ، އިޖުތިމާއީ އަދި ސަގާފީ ހައްގުތަކާ ގުޅޭގޮތުން އައިސީއީއެސްސީއާރުގެ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަކިވަކި ފަރުދުންނަށާއި ޖަމާއަތްތަކަށް ލިއްބައިދޭ މުއާހަދާއެކެވެ. އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު އެއް އަސާސްކަމުގައިވާތީ، އެންމެ ފުރިހަމަ މާނައިގައި އައިސީއީއެސްސީއާރަށް އަމަލުކުރުމަށްޓަކައި މި މުއާހަދާ ތަސްދީގުކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ވަޒީރުން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ސީޑީއީ މުއާހަދާ ތަސްދީގުކުރުމުން، ރާއްޖެއިން އިންސާނީ ހައްގުތައް ރައްކަތެރިކުރުމަށް ދޭ އަހައްމިއްޔަތުކަން އިތުރަށް ހާމަވެ، ރާއްޖޭގެ އިހްތިސާސްގައި ހިމެނޭ ފަރާތްތަކުގެ ކަމާބެހޭ ހައްގުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

އޯޕީއައިސީއީއެސްސީއާރު މުއާހަދާ ފާސްކޮށްފައިވަނީ، އ.ދ. ގެ އާންމު މަޖިލީހުން 10 ޑިސެމްބަރު 2008 ގައެވެ. އަދި މި މުއާހަދާގައި ސޮއިކުރުމަށް ގައުމުތަކަށް ހުޅުވާލާފައިވަނީ، 24 ސެޕްޓެމްބަރު 2009 ގައެވެ. ރާއްޖެއިން 21 ސެޕްޓެމްބަރު 2011 ގައި މި މުއާހަދާގައި ސޮއިކޮށްފައިވީ ނަމަވެސް ރާއްޖެއިން އަދި މުއާހަދާ ތަސްދީގުކޮށްފައެއް ނުވެއެވެ. މިއަދާ ހަމައަށް މި މުއާހަދާ ތަސްދީގުކޮށްފައިވަނީ މި މުއާހަދާގައި ސޮއިކޮށްފައިވާ 45 ގައުމުގެ ތެރެއިން 24 ގައުމަކުންނެވެ.

ސީޑީއީ މުއާހަދާ އެޑޮޕްޓްކޮށްފައިވަނީ 20 ޑިސެންބަރު 2006 ގައި އެމެރިކާގެ ނިއުޔޯކުގައެވެ. އެ މުއާހަދާއަށް އާންމުކޮށް އަމަލުކުރަން ފަށާފައިވަނީ 23 ޑިސެންބަރު 2010 ގައެވެ. އަދި ރާއްޖެއިން މި މުއާހަދާގައި ސޮއިކޮށްފައިވަނީ، 6 ފެބުރުވަރީ 2007 ގައެވެ. މި މުއާހަދާގައި މިހާތަނަށް 98 ގައުމަކުން ސޮއިކޮށްފައިވާ އިރު، މުއާހަދާ ތަސްދީގުކޮށްފައިވަނީ 62 ގައުމަކުންނެވެ.

ސީއީޑީ މުއާހަދާ ރާއްޖެއިން ތަސްދީގުކޮށް އެ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ގައުމުގެ ގާނޫނީ އޮނިގަނޑުގައި ހިމެނުމާއެކު، ޝަރުއީ ނިޒާމުގެ ތެރެއިން ބޮޑެތި ކުށްކުރާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައެޅިގެން ދިއުމުން އިންސާފު ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މި ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވިއެވެ. އަދި މިފަދަ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ފުރިހަމަކަމާއެކު ތަންފީޒުކުރުމަށް ބާރުލިބޭނެ ކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.