ޚަބަރު

ރ. އަތޮޅު އޮޕަރޭޝަން: ހަ މީހަކު ހައްޔަރުކޮށް، ބަންދަށް ހަތް ދުވަސް ޖަހައިފި

ރ. އަތޮޅުގައި ފުލުހުން ހިންގަމުންގެންދާ އޮޕަރޭޝަނެއްގައި އިއްޔެ ހަ މީހަކު ހައްޔަރުކޮށް، ބަންދަށް ހަތް ދުވަސް ކޯޓުން ޖަހައިފިއެވެ.

ފުލުހުން ބުނީ ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައްކޮށް މުދަލަށް ގެއްލުންދޭ މައްސަލައެއްގައި ހަ މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރު އަދި 28 އަހަރުގެ މީހެއް ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިޒު ކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހުންގެ ތެރެއިން ފަސް މީހަކު އިއްޔެ ކޯޓު އަމުރެއްގެ ދަށުން ރ. އުނގޫފާރުން ހައްޔަރުކޮށް އެމީހުންނާ ގުޅުންހުރި މަޑުއްވަރީގެ ތިން ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އެމީހުން ދިރިއުޅުނު އެ އަތޮޅު ފަޅު ރަށެއްވެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ތަންތަނުގެ މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ތުހުމަތު ކުރެވޭ މީހުން ރ. އަތޮޅުގެ ފަޅުރަށެއްގައި ދިރިއުޅެފައިވަނީ، ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ދަތުރުފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާ ނުލައި ކަމަށްވެސް ފުލުހުން ބުނެއެވެ.