ޚަބަރު

ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް މިއަދު އައްޔަން ކުރައްވާފައިވަނީ މއ. ޑެއިންޓީ، މަހުމޫދު ރިޔާޒެވެ.

ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި މަހުމޫދަކީ ކަސްޓަމްސްގައި 27 އަހަރަށް ވުރެ ގިނަ ދުވަހުގެ މުއްދަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން މަހުމޫދު ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑަންޓްގެ މަގާމުގައި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް މަހުމޫދު އައްޔަން ކުރައްވާފައިވަނީ ކުރިން އެމަގާމުގައި ހުންނެވި އަބްދުﷲ ޝަރީފް ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ.

މިހާރު ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަރީފް ވަނީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން އަވަހާރަވުމާ ގުޅިގެން ވަގުތީ ގޮތުން ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަސްއޫލިއްޔަތު އަދާކުރައްވައިފައެވެ. އަދި ކަސްޓަމްސްގެ ވެރިޔާގެ މަގާމަށް ޝަރީފް އައްޔަން ކުރައްވާފައިވަނީ އިއްޔެއެވެ.