ޚަބަރު

ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަނީ

ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އައްޑޫ ސިޓީ ޕޮލިހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ ކުޑަކުއްޖާ ރޭޕްކުރި މައްސަލައިގެ ތަހުގީގަށް ބިދޭސީއަކު ހޯދަމުން އަންނަ ކަމަށެވެ. ފުލުހުން ވަނީ އެމީހާގެ ވަނަވަރުވެސް އާންމުކޮށްފައެވެ. އެއީ އެމްޑީ އިދްރީސް (33އ)، ބަނގްލަދޭޝްގެ ރައްޔިތެކެވެ.

ފުލުހުން ބުނީ އެމީހާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށާއި އޭނާއަކީ ސްޕޮންސަރަށްވެސް ފިލައިގެން އުޅޭ މީހަކަށްވުމުން އުޅޭ ވަކި ތަނެއް އެނގިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވައިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވާން އަންގާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހާ ހާޒިރުކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ސ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް ކަމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަމުން އަންނަ އިރު، އިއްޔެ ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ޖިިނާއީ އިޖުރާއާތުގެ ގާނޫނުގައި ނެތުމުން ކަމަށް ބުނެ ކޯޓުން ދޫކޮށްލި މީހަކު، އަލުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މީގެ އިތުރުން ގެސްޓްހައުސްއަކަށް ގެންގޮސް 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.