ތިން އަންހެން ބޭފުޅުން ހިމެނޭގޮތަށް ފަސް ގައުމެއްގެ ސަފީރުންނަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވައިފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަސް ގައުމެއްގެ ސަފީރުންނަށް ރުހުން ހޯދަން އެ ބޭފުޅުންގެ ނަންތައް މިއަދު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި މި ފަރާތްތަކަށް މަޖިލީހުގެ ރުހުން ލިބިއްޖެނަމަ އެމްބެސަޑަރުންނާއި މިޝަންތަކުގެ ވެރިންގެ ގޮތުގައި ތިބި މީހުންގެ އަދަދު މިންތީގެ ގޮތުން ހަމަހަމަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ހެޑްސް އޮފް ޑިޕްލޮމެޓް މިޝަނުންގެ ގޮތުގައި ޖުމުލަ 18 ބޭފުޅުން ތިބޭނެ ކަމަށެވެ. އޭގެ ތެރޭގައި އެމްބެސަޑަރުންނާއި ބޭރުގެ މިޝަންތަކުގެ ވެރިން ހިމެނޭ ކަމަށް މިއުވާނު ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ މި 18 މަގާމުގެ ތެރެއިން ފަސް މަގާމަކަށް މީހުން އައްޔަންކުރުމަށް ނަން ފޮނުވާފައިވާ އިރު، އެ ބޭފުޅުންގެ ނަން މަޖިލީހުން ފާސްކޮށްފި ނަމަ މިނިސްޓްރީގެ ދަށުގައި ހުރި އެމްބަސީ އަދި މިޝަންތަކުގެ ވެރިންގެ ގޮތުގައި ނުވަ އަންހެނުން އަދި ނުވަ ފިރިހެނުން ތިބޭނެ ކަމަށެވެ. އަދި މިނިސްޓަރުގެ ޓުވީޓުގައި މިންތީގެ ހަމަހަމަކަމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މިކަންކަމަށް މިއުވާނު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދުގެ ޓުވީޓުގައި މަޖިލީހަށް ރައީސް އޮފީހުން ފޮނުވި ނަންތައް ފާސްވެއްޖެ ނަމަ މިކަންވާނީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް މިންތީގެ ހަމަހަމަކަން ގާއިމުވި ފަހަރެއްގައި ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކަންކަމުގައި ކުރިއަރައިގެން ދިއުމުގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންގެ ބައިވެރިވުމާއި އެއްބާރުލުން މުހިއްމު ކަމަށެވެ.