ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޖިލީހުގެ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް ލީޑަރުންނަށް ރައީސް އިލްތިމާސްކުރައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ސަރުކާރު ކޯލިޝަންގެ ލީޑަރުން އެއްބާރުލުން ދެއްވުމަށް ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ބިލުތަކެއް މަޖިލީހަށް ހުށަހަޅައި ވޯޓާ ހަމައަށް ދިޔައިރު ކޯލިޝަންގެ 46 މެންބަރުން މަޖިލީހުގައި ތިއްބެވި ކަމަށެވެ.

ނަމަވެސް އޭގެ ތެރެއިން ބައެއް މެންބަރުންނަށް ވޯޓަށް އެހި ޖަލްސާއަށް ކޮންމެވެސް ސަބަބަކާ ހުރެ ހާޒިރުވެވަޑައިގެންނެވޭ ގޮތް ނުވުމަކީ ދެރަ ކަމެއް ކަމަށާއި އެކަމާ ވަރަށް ހިތާމަކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

''ކޯލިޝަންގެ މެންބަރުން އެބަތިއްބެވި 46 މެންބަރުން. އެހެން ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ އެބޭފުޅުންނަށް ހާޒިރުވެވޭ ގޮތް ނުވުމަކީ ވަރަށް ދެރަ ކަމެއް. އަދި ވަރަށް ހިތާމަކުރާ ކަމެއް.'' ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މަޖިލީހުގެ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް ކޯލިޝަންގެ ހުރިހާ މަޖިލިސް މެންބަރުންނަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މަޖިލީހުގެ މަސައްކަތުގައި ވަކިވަކި މެންބަރުން ވެސް އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

މަޖިލީހުގެ މަސައްކަތުގައި ކޯލިޝަންގެ ލީޑަރުންގެ އެއްބާރުލުން ދެއްވުމަށް ރައީސް އިލްތިމާސްކުރެއްވި އިރު، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ގޮތުން މާދަމާ ކޯލިޝަންގެ ލީޑަރުންނާއި ރައީސް ސޯލިހު ބައްދަލުކުރެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.