ޚަބަރު

ނެފްރޯޓިކް ސިންޑުރޯމް؛ ރާއްޖޭގައިވެސް އާންމު ބައްޔެއް

މަރިޔަމް ޝަހުދާ

ނެފްރޯޓިކް ސިންޑުރޯމް އަކީ ރާއްޖޭގައިވެސް އާންމު ސިންޑްރޯމް އެއް ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް އިއްޔެ ކުރެއްވި ޓުވީޓަކާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުވެސް މި ސިންޑްރޮމް ހުރި ކުއްޖަކު ފެނިފައިވާ ކަމަށެވެ.

މި ސިންޑްރޮމާ ގުޅިގެން ޑރ. ފައިސަލް ވިދާޅުވީ މިއީ ކިޑްނީން ލޭ ފުރޭނުމުގެ މައްސަލައެއް ކަމަށެވެ.

އެގޮތުން އާންމުކޮށް ކިޑްނީގެ ފުރޭނީގެ ލޯވަޅުތަކުން އަލްބިއުމިން ކަހަލަ ބޮޑެތި ޕުޓީން ބޭރު ނުވާނެ ކަމަށް ޑރ. ފައިސަލްފާހަގަ ކުރެއްވިއެވެ. ލޭ ފުރަނަން ބޭނުންކުރާ ކިޑްނީގެ މިފުރޭނީގެ ލޯވަޅުތައް ބޮޑެތިވުމުގެ ސަބަބުން އޭގެތެރެއިން ލާފައި ކުޑަކަމުދާ އެއްޗިއްސަށް އަލްބިއުމިން ބޭރުވުމުގެ ސަބަބުން ލޭގައި އަލްބިއުމިން މަދުވާ ކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ. އަލްބިއުމިން އަކީ ލޭހޮޅިތެރޭ ފެނުގެ ބައި ހިފެހެއްޓުން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މި ސިންޑްރަމްގެ ސަބަބުން ލޭގައި އަލްބިއުމިން މަދުވުމުން ލޭހޮޅިތެރޭ ހުރި ފެން ލޭ ހޮޅިތަކުން ބޭރުވާ ކަމަށާއި، މިކަމުގެ ސަބަބުން ކުޑަކުދިން ދުޅާވާކަން ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ. ދުޅަވުމަކީ ނެފްރޯޓިކް ސިންޑުރޯމްގެ ސިމްޓަމްއެކެވެ.

އާންމުކޮށް ދުޅަ ފުރަތަމަ ފެންނަނީ ހަންތުނި ހިސާބުތަކުގައި ކަމަށާއި އެގޮތުން ލޯމަތި ދުޅަވާ ކަމަށާއި، ހެނަދުނު ހޭލާއިރު ދުޅަ ބޮޑުވެ ހަވީރަށް ދުޅަ ތިރިވާކަން ފާހަގަވާނެ ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ ފުރަތަމަ މި ބަލި ޖެހޭއިރު 4-5 މަހަށް ބޭސްދިން ކަމުގައި ވީނަމަވެސް އަލުން މި ސިންޑްރަމް އުފެދި، ގިނަ ކުދިން ދުޅަވާ ކަމަށެވެ. ނަމަވެސް ކުދިން ބޮޑުވަމުންދާ ވަރަކަށް ދުޅަވުން ކުޑަވެ، ބަލި ރަނގަޅުވާކަން ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ.

މި ސިންޑްރޯމް އަކީ ހުރިހާ އުމުރުފުރައެއްގެ މީހުންގެ ކިބައިންވެސް ފެންނަ ބައްޔެއް ކަމަށް ޔޫކޭގެ ނެޝަނަލް ހެލްތު ސާވިސް، އެންއެޗްއެސް އިން މި ބައްޔާ ގުޅިގެން އާންމު ކޮށްފައިވާ މައުލޫމާތުގައި ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް އާންމުކޮށް މި ބަލި ދެނެގަނެވޭނީ ކުއްޖާގެ އުމުރުން ދެ އަހަރާއި ފަސް އަހަރާ ދެމެދުގައި ކަމަށްވެސް އެންއެޗްއެސް އިން އާންމުކޮށްފައިވާ މައުލޫމާތުގައި ފާހަގަ ކޮށްފައި ވެއެވެ.