އެމްޑީޕީގެ ވެރިކަމުގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކުރި އިންޑިއާގެ ޖީއެމްއާރް ކުންފުންޏާ އާއެކު އެއްވެސް އެއްބަސްވުމެއް ވެފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނުގެ އިންޑިއާ ދަތުރުފުޅާ ގުޅޭ ގޮތުން ނޫސްވެރީންނަށް މައުލޫމާތުދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމެންޓުގެ ފުރުސަތުތަކާ ގުޅޭ ގޮތުން އިންޑިއާގެ ވިޔަފާރިވެރިންނަށް މައުލޫމާތު ދެއްވައިފައެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ބައްދަލުވުމުގައި ގިނަ ދާއިރާކުން ވިޔަފާރިވެރިން ތިއްބެވި ކަމަށާއި އޭގެތެރޭގައި ޖީއެމްއާރުވެސް ހިމެނޭ ކަމަށެވެ.
"ޖީއެމްއާރު އާއެކު އެއްވެސް އެއްބަސްވުމެއް ވެފައެއް ނޯންނާނެ. ޖީއެމްއާރުވެސް އެ ބައްދަލުވުމަށް އައިސްފައި ވަނީ އިންޑިއާގެ ކުންފުންޏެއްގެ ހައިސިއްޔަތުން،" ރައީސް ވިދާޅުވިއެވެ.