ކޮވިޑް 19 އިން ރައްކާތެރިވުމަށާއި އެ ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އެކިއެކި ކަންކަމަށް މިދިޔަ ހަފްތާގެ ނިޔަލަށް 963 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފިއެވެ.
ކޮރަޕްޝަނަށް ފުރުސަތު ނުދިނުމުގެ ބޭނުމުގައި ފިނޭންސް މިނިސްޓްރީން އަންނަނީ ކޮވިޑާ ގުޅިގެން ކުރާ ހަރަދު ކޮންމެ ހަފުތާއަކު އާންމު ކުރަމުންނެވެ.
އެގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަސް (18 ޖޫން)އާ ހަމައަށް ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލާއެކު ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަގައިވާ ގޮތުން، މިދިޔަ ހަފްތާގެ ތެރޭގައި 60 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. މިއީ އޭގެ ކުރީ ހަފްތާއަށްވުރެ 2.2 ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ ހަފުތާގައި ވެސް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ. އެ އޮތޯރިޓީން 9.2 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން މިދިޔަ ހަފްތާގައި 8.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ހެލްތު މިނިސްޓްރީން އިތުރު އަށް ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އެންޑީއެމުން ކުރި ހަރަދުގެ 75.7 ޕަސެންޓަކީ އޮޕަރޭޝަނަލް ހިދުމަތްތަކަށް ކުރި ހަރަދު ކަމަށެވެ. އަދި އައިޖީއެމްއެޗާއި ހެލްތު މިނިސްޓްރީން ހަރަދުކޮށްދައިވަނީ މެޑިކަލް ކޮންސިއުމަބަލްސްގެ ޕްރޮކިއުމަންޓްތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މުއައްސަސާތަކުންނާއި މިނިސްޓްރީތަކުން ކުރި ހަރަދަށް ބަލާއިރު މިދިޔަ ހަފްތާގައި އެމްއެންޑީއެފުން ނުވަ ލައްކަ ރުފިޔާ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދެ ލައްކަ ރުފިޔާ އަދި ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން އެއް ލައްކަ ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އަދި އެންސްޕާ އިން އިތުރަށް ހަތަރު ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަން ތަފާސް ހިސާބުން ދައްކައެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ކުރި ހަރަދު ވަނީ އެއް ލައްކަ ރުފިޔާ މަދުވެފައެވެ. އެކަމުގެ ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި ފުލުހުން، ޕްލޭނިން މިނިސްޓްރީ، ޖެންޑާ މިނިސްޓްރީ، މޯލްޑިވްސް އިމިގްރޭޝަން، ޑިޒާސްޓާ މެނޭޖްމަންޓް ފަންޑު، ޑުރަގް އެޖެންސީ އަދި ޒަކާތު ފަންޑުން އިތުރު އެއްވެސް ހަރަދެއް ކޮށްފައެއް ނުވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިކޮނޮމިކް ރިލީފް ޕެކޭޖު (އީއާރުޕީ) އަދި އިންކަމް ސަޕޯޓް ސްކީމުގެ ތެރެއިން އިތުރު އެއްވެސް ފައިސާއެއް ދޫކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ރިލީފް ޕެކޭޖުން މިހާތަނަށް 302 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.