ޚަބަރު

ރާއްޖޭގައި ރިސޯޓް ހިންގާ ޖޯން ކީލްސްގެ ވިޔަފާރިތައް ފުޅާކުރަން 175 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

ރާއްޖޭގައި ވެސް ރިސޯޓްތައް ހިންގާ ސްރީ ލަންކާގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ ޖޯން ކީލްސްގެ ވިޔަފާރިތައް ތަރައްގީކޮށް، އިތުރަށް ފުޅާކުރުމަށް އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 175 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފިއެވެ.

އައިއެފްސީ އަކީ ވޯލްޑް ބޭންކު ގުރޫޕްގެ މެންބަރެކެވެ. ޖޯން ކީލްސްގެ ވިޔަފާރިތައް ފުޅާކުރުމަށް އެ ކޯޕަރޭޝަނުން ކުރަން ނިންމި މި އިންވެސްޓްމަންޓަކީ ސްރީ ލަންކާގައި 50 އަހަރުގެ ތެރޭގައި އެކޯޕަރޭޝަނުން ކުރަން ނިންމި އެންމެ ބޮޑު އިންވެސްޓްމަންޓެވެ. އަދި މިއީ ރާއްޖޭގައި ކުރި ފުރަތަމަ ސަޕޯޓިން އިންވެސްޓްމަންޓެވެ.

އައިއެފްސީން ނެރުނު ބަޔާނެއްގައި ބުނީ، 175 މިލިއަން ޑޮލަރުގެ ލޯންގް ޓާމް އިންވެސްޓްމަންޓަކީ ޖޯން ކީލްސް އިން ލަންކާގައި ހިންގާ ސުޕަމާކެޓް ޗެއިން ފުޅާކޮށް، ރާއްޖެ އާއި ލަންކާގައި އެކުންފުނިން ހިންގާ ހޮޓާތައް ފުޅާކޮށް ނުވަތަ ތަރައްގީ ކުރުމަށް ކުރަން ނިންމި އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ރާއްޖެ އާއި ސްރީލަންކާއަށް އައިއެފްސީން ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަމީނާ އާރިފް ވިދާޅުވި ގޮތުގައި، އައިއެފްސީގެ މި އެއްބާރުލުމާއެކު ސްރީލަންކާގެ އެންމެ އިތުބާރު ކުރެވޭ އަދި އެންމެ ބޮޑު ވިޔަފާރީގެ ގޮތުގައި އޮތް ޖޯން ކީލްސް އަށް އިތުރަށް އިންވެސްޓް ކުރުމުގެ ފުރުސަތު ލިބި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު މަސައްކަތް ލިބި، އިތުރު ވަޒީފާގެ ފުރުސަތުތަކެއްވެސް އުފެދިގެންދާނެ ކަމަށެވެ.

"މި އިންވެސްޓްމަންޓުން އިންވެސްޓަރުންނަށް ދޭ ވަރުގަދަ މެސެޖަކީ މި ގޮންޖެހުން ބޮޑު ވަގުތުގައި ވެސް ސްރީލަންކާ އާއި ރާއްޖޭގައި އިންވެސްޓް ކުރުމަކީ ފީސަބަލް ކަމެއްކަން،" އަމީނާ އާރިފް ވިދާޅުވެފައި ވެއެވެ.

އައިއެފްސީން ބުނީ، މި އިންވެސްޓްމަންޓުން ރާއްޖެ އާއި ސްރީލަންކާގައި ވަޒީފާގެ ފުރުސަތުތައް އިތުރުވުމުގެ އިތުރުން ގްރީން ހޮޓެލްސް ކޮންސެޕްޓް، ނުވަތަ ތިމާވެއްޓާއި ރައްޓެހި ރިޒޯޓުތަކަށް ހެދުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އެގޮތުން ޖޯން ކީލްސް އިން ރާއްޖޭގެ ރިސޯޓްތައް ތަރައްގީކުރާއިރު އައިއެފްސީގެ ގްރީން ބިލްޑިން ސްޓޭންޑަޑް "އެޖް ބިލްޑިންގްސް" އަށް އިސްކަން ދޭނެ ކަމަށް ބަޔާނުގައިވެއެވެ.

ޖޯން ކީލްސް އިން ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގައެވެ. އެއީ ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް، ސިނަމަން ދޮންވެލި މޯލްޑިވްސް، އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން އަދި ސިނަމަން ވެލިފުށި މޯލްޑިވްސްއެވެ.