އިންޑިއާއިން ރާއްޖެއަށް ލޯނު އެހީގެ ގޮތުގައި ދިން 1.4 ބިލިއަން ޑޮލަރުގެ ސަބަބުން ރާއްޖެ އިތުރަށް ދަރަނިވެރި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެ ދަތުރުފުޅާ ގުޅޭ ގޮތުން ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީއަކީ ގައުމުގެ ތަރައްގީއަށް ދިން އެހީއެއް ކަމަށާއި އެ އެހީއިން ޗައިނާގެ ލޯނުތަކަށް ފައިސާ ދެއްކުމަކީ ސަރުކާރުގެ މަގުސަދެއް ނޫން ކަމަށެވެ.
ޗައިނާގެ އަތުން ނަގާފައިވާ ލޯނުގެ އަދަދު 1.4 ބިލިއަނަށް އަރާ ކަމަށާއި އޭގެ ތެރޭގައި ކޮންސެޝަނަލް ލޯންތައް ވެސް ހިމެނޭ ކަަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޗައިނާއިން ނަގާފައިވާ ލޯނުތަކާ ގުޅިގެން ރާއްޖޭގެ ސަރުކާރުން ދަނީ އެގައުމާ މަޝްވަރާ ކުރަމުން ކަމަށެވެ.
"އެ ބޭފުޅުން ތިއްބެވީ އަޅުގަނޑުމެންނާއެކު މަޝްވަރާކޮށް މިހާރުވެސް ދޫކޮށްފައި ހުރި ލޯންތަކާއި އެމްއޯޔޫތައް، އަންޑަސްޓޭންޑިން އަށް އާދެވިފައިވާ ކަންތައްތަކުގައިވެސް އެކީގައި މަސައްކަތްކޮށް އެކަމަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާއާ އެކު އޮތް ގުޅުމުގެ ސަބަބުން ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ހުރަސް އެޅޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.