ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ޖިިނާއީ އިޖުރާއާތުގެ ގާނޫނުގައި ނެތުމުން ކަމަށް ބުނެ ކޯޓުން އިއްޔެ ދޫކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މިއަދު އުނައިސް ކުރިމިނަލް ކޯޓަށް ހާޒިރުކޮށް ބަންދު ޖެހުމަށް ފުލުހުން އެދުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރު ނެރެދީފައެވެ.
ކޯޓުން މި އަމުރު ނެރެދިނުމާއެކު ފުލުހުން ވަނީ އެމީހާގެ މައުލޫމާތާއި ފޮޓޯ އާންމުކޮށްފައެވެ. ފުލުހުން ބުނީ 18 އަހަރު ނުފުރޭ ކުއްޖަކު ގެސްޓްހައުސްއެއްގައި ރޭޕްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ޝަހުސު އޮޅުވާލައި މަކަރާއި ހީލަތުން ކުއްޖާ މާލެ ގެނެސް ޖިންސީ ގޯނާކޮށްފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ.ތުޅާދޫ، ހިޔާވަހި، އުނައިސް އަހުމަދު ކަމަށެވެ.
އިއްޔެ ވެސް ފުލުހުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްދިނުމަށް އެދިފައެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުންނެވެ. ނަމަވެސް އެމީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ އެންގީ އެ މީހާއާ ދެކޮޅަށް ހެކި ހުއްޓަސް، އެއީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ބަޔާންކުރާ ލިސްޓުގައި ހިމެނޭ ކުށަކަށް ނުވާތީ ކަމަށް ބުނެއެވެ. އެއީ ހައިކޯޓުގެ މިފަހުގެ ނިންމުމަކަށް ރިއާއަޔަތްކޮށެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި އެބަހުރި ކަމަށާއި އަދި އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ޝަރީއަތް ނިމެންދެން ނުވަތަ މައްސަލަ ބަލާ ފަނޑިޔާރު އެހެން ގޮތަކަށް ނިންމަންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރާ ކަމަށެވެ.
އޭނާ ބަންދު ކުރަން އަމުރު ނެރުއްވީ އިއްޔެ އޭނާ ދޫކޮށްލަން ވެސް އަމުރު ނެރުއްވި ގާޒީ އާދަމް މުހައްމަދެވެ.
ފުލުހުން ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ފުރިހަމަކުރުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހައިކޯޓުން މިފަހުން ކަނޑައަޅާފައިވާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތައް ފިޔަވައި އެހެން ކުށްތަކުގެ ތުހުމަތަށް ހައްޔަރު ކުރާ މީހުން، 15 ދުވަހަށްވުރެ އިތުރަށް ބަންދު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫނެވެ. ޖިންސީ ކުށްތައް ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނެއެވެ.