ޚަބަރު

ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އެހީތެރިވުމަށް ރާއްޖެއިން ގޮވާލައިފި

ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިގޮތަށް ގޮވާލާފައި މިވަނީ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ. ގެ އެޖެންސީ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (އަންރުވާ) އަށް ފަންޑު ހޯދުމާ ބެހޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައެވެ.

ވާޗުއަލްކޮށް ބޭއްވުނު މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ފަލަސްތީނުގެ 5.5 މިލިއަން ރެފިއުޖީން އަސާސީ ބޭސްފަރުވާއަށާއި ތައުލީމަށް ބަރޯސާ ވަނީ އަންރުވާގެ އެހީއަށް ކަމަށެވެ. އަދި އަންރުވާއަށް ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ފަލަސްތީނުގެ ރެފިއުޖީންނަށް ކުރިމަތިވާ ދަތިތަކާމެދު ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، ކޮވިޑް 19 ފަދަ އެތައް ދަތިތަކާއެކުވެސް، އެ ޖަމިއްޔާއިން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާކަމީ އުފާކުރައްވާ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް އަންރުވާގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައްވައިފައެވެ. އަދި އދ.ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމަކީ މިއަހަރާއި ކުރިއަށް އޮތް ދެ އަހަރު އަންރުވާއަށް ބޭނުންވާ ފަންޑާއި ބައިނަލްއަގުވާމީ މުޖުތަމައުން ބޭނުންވާ ސިޔާސީ މަދަދުވެރިކަން ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އދ.ގެ މެންބަރު ބައެއް ގައުމުތަކުން ވަނީ އަންރުވާއަށް މާލީ އެހީތެރިކަން ދިނުމަށް އެއްބަސްވެފައެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އުރުދުންގެ ހާރިޖީ ވަޒީރު އައިމަން ސަފާދީ އާއި ސްވިޑްންގެ ހާރިޖީ ވަޒީރު ޕީޓާ އެރިކްސަންއެވެ.