ޚަބަރު

ހެކި ނެތިގެން ހިޝާނަށް ދައުވާ ނުކުރަން ނިންމައިފި

އަލީ ޔާމިން

ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު، ގ. ނީރުވީކް، އަހުމަދު ހިޝާން އެކި ދުވަސްމަތިން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެކި ނެތިގެން އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

އެކި ދުވަސްމަތިން ހަތް ކުއްޖަކަށް ހިޝާން އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގުކޮށް ދައުވާ ކުރަން މީގެ ކުރިން ފުލުހުން ވަނީ ޕީޖީއަށް ފޮނުވައިފަައެވެ.

ޕީޖީ އޮފީީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، ކުޑަކުދިންނާ މެދު ޖިންސީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ލިބިފައިވާ ހެކި ގަރީނާއަށް ބަލާއިރު ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އެކި ދުވަސް މަތިން ހަތް ކުއްޖަކަށް ހިޝާން އެއްޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ކުށުގެ ހާދިސާތައް ހިނގިތާ ގިނަދުވަސްތަކެއް ވެފައިވާތީ ޖިނާއީ ދައުވާކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހިޝާންގެ މައްޗަށް ދައުވާ ނުކުރި ނަމަވެސް، އޭނާ ގޯނާކޮށްފައިވާ އިތުރު ކުދިން އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފެންނާތީ އިތުރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށްފައިވޭތޯ ސާފުކުރުމުގެ ގޮތުން "ޕަބްލިކް ޕްލެޖް އެނައުންސްމެންޓެއް" ކުރުމަށް ޕީޖީން ފުލުހުންނަށް ލަފާ ދީފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ އަށް އަހަރު ތެރޭގައި ހިޝާންގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ކިޔައިދޭ ވިކްޓިމްއެއް ތަހުގީގަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައެއް ތަހުގީގުކޮށް ހެއްކާއި ގަރީނާއާއެކު ޕީޖީ އޮފީހަށް ފޮނުވުމަށް ފުލުހުންނަށް ލަފާ ދީފައިވާ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

މިއަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހު ހިޝާން ސްރީލަންކާއަށް ދިއުމަށްޓަކައި ފްލައިޓަށް އަރައި ހުއްޓައި ފުލުހުން ގޮސް އޭނާ ފްލައިޓުން ވަނީ ބާލުވައިފައެވެ. އަދި އޭނާގެ ޕާސްޕޯޓު ހިފަހައްޓައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގުކުރަން ފެށިއެވެ. ނަމަވެސް ހިޝާން ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ހިޝާން ބުނީ، ފްލައިޓުން ފައިބާ ފުލުހުންނާ ހަވާލުވީ އަމިއްލައަށް ކަމަށާއި އެކަން އޭނާ ކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތައްތަކަށް ޖަވާބުދާރީވެ، އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތުހުމަތެއް ކުރެވިއްޖެނަމަ ފުލުހުން އެކަމެއް ތަހުގީގު ކުރަންޖެހެއެވެ. ފުލުހުން އެވަނީ އެބޭފުޅުންގެ ޒިންމާ އަދާކޮށްފައެވެ..،" ހިޝާން ބުނެފައިވެއެވެ.

ހިޝާންއަކީ މިދިޔަ ސަރުކާރުގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިފައިވާ މީހެކެވެ. ނަމަވެސް މިއަދު ކުރި ޕޯސްޓުގައި ހިޝާން ބުނީ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވަމުންދާތީ ހިތްވަރުދިނުމުގެ އިނާމުވެސް ސަރުކާރަށް ހަވާލުކުރާނެ ކަމަށެވެ.