ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޖިލިސް އިންތިޚާބާ ގުޅޭ ގޮތުން މާދަމާ ރައީސް ކޯލިޝަންގެ ލީޑަރުންނާ ބައްދަލުކުރައްވަނީ

ޝަހީދާ އަބްދުﷲ ސައީދު

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ގޮތުން މާދަމާ ކޯލިޝަންގެ ލީޑަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައެވެ.

އެބައްދަލުވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މާދަމާ ހުރިހާ ލީޑަރުންނާ އެކު ބާއްވާ ބައްދަލުވުމުގައި ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވައި އަދި އިތުރު އެހެން ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރައިސް ވިދާޅުވީ އެބައްދަލުވުމަށް ފަހު މައުލޫމާތު މީޑިއާއަށް ހިއްސާކުރައްވާނެ ކަމަށެވެ.

މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން މާދަމާ ލީޑަރުންގެ ބައްދަލުވުމެއް ބާއްވަން ނިންމެވި އިރު، މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން 87 ދާއިރާއަށް ވާދަކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ކޯލިޝަންގެ އެހެން ޕާޓީތަކުން ވަނީ ފާޅުކޮށްފައެވެ. އެ ގޮތުން ޖޭޕީން ވެސް ބުނެފައި ވަނީ ނިކުންނަން ޖެހިއްޖެ ނަމަ 87 ދާއިރާއަށް އެ ޕާޓީން ވެސް ނިކުންނާނެ ކަމަށެވެ.