ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނެތި ދެމީހަކު މާލެއިން ރ. މާކުރަތަށް އަރައިފިއެވެ.
މައުލޫމާތު އެނގޭ މީހަކު "ވަން"އަށް މައުލޫމާދެމުން ބުނީ، މާކުރަތަށް އަރައިފައިވަނީ މަސް ދޯންޏެއްގައި މަސައްކަތް ކުރާ އެރަށުގެ ދެމީހުން ކަމަށެވެ. އަދި އެމީހުން މާކުރަތަށް އައިސްފައިވަނީ މާލޭ ފަޅުގައި އޮތް އެރަށުގެ އެހެން މަސް ދޯންޏެއްގައި ކަމަށްވެސް އޭނާ ބުންޏެވެ.
"އެމީހުންނަކީ މާލޭ ފަޅުގައި އޮތް މަސް ދޯންޏެއްގައި ތިބި ދެމީހުން. ލޮކްޑައުންއާ ގުޅިގެން އެމީހުން ތިބީ ރަށަށް އާދެވޭނެ ގޮތެއް ނެތި ތާށިވެފައި. އެހެން ތިއްބައި އެމީހުންނަށް މާލޭ ފަޅުން މި ދިމާވަނީ ރަށުގެ އެހެން މަސް ދޯންޏަކާ. ދެން އެ ދޯނި މީހުން ކައިރީގައި ރަށަށް ގެންގޮސްދޭށޭ ބުނުމުން އެ ދޯނީގައި އެމީހުން ރަށަށް އައިސްފައިވަނީ. މާލޭ ފަޅުގައި ތިބި ދުވަސްވަރު އެމީހުން މާލެއަށްވެސް ފައިބައިފައިވޭ،" އޭނާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން "ވަން"އަށް މައުލޫމާތުދެއްވަމުން މާކުރަތު ކައުންސިލުގެ ރައީސް ހަސަން އަލީ ވިދާޅުވީ، އެ ދެމީހުން މާކުރަތަށް އަރައިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެމީހުން މިހާރު ތިބީ ގޭގައި އެކަހެރިވެގެން ކަމަށްވެސް ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން ހަސަން ވިދާޅުވީ، އެމީހުން ތިބި ގެއިން އެއްވެސް މީހަކު ބޭރަށް ނުނިކުތުމަށްވެސް އެޗްޕީއޭއިން އަންގާފައިވާ ކަމަށާއި ނަމަވެސް އެ ދެ މީހުންނާ މެދު އަމަލުކުރާނެ ގޮތެއް އަދި އަންގާފައި ނުވާ ކަމަށެވެ.
"ބޮޑަށް ބެލެވެނީ ހޯމް ކަރަންޓީން ކަމަށް ކުރާނީ. ނަމަވެސް އަދިވެސް ވަކި ގޮތެއް އަންގާފައެއް ނުވޭ،" ހަސަން ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.