ޚަބަރު

ޓްރެފިކް ގަވައިދާ ހިލާފުވެގެން ނަގާ 750 ރުފިޔާ ކުޑަކުރަން ވަނީ އިސްލާހު ހުށަހަޅާފައި: ޓްރާންސްޕޯޓް އޮތޯރިޓީ

އިބްރާހިމް ޒަކީ

ޓްރެފިކް ގަވައިދާ ހިލާފްވެގެން ޖޫރިމަނާގެ ގޮތުގައި މިހާރު ނަގަމުން އަންނަ 750 ރުފިޔާ ކުޑަކުރަން ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓިގެ ޗީފް އެގްޒެކްޓިވް މަހުދީ އިމާދު ވިދާޅުވީ، ގަވައިދާ ހިލާފަށް ނަގަމުން އަންނަ 750 ރުފިޔާގެ ޖޫރިމަނާއަކީ ގާނޫނުގެ ދަށުން ކުރަމުން އަންނަ ޖޫރިމަނާއެއް ކަމަށެވެ. އަދި އެއީ މީގެ ދިހަ އަހަރު ކުރިން ހަދާފައިވާ ގާނޫނެއް ކަމަށާއި އެ ގާނޫނަށް އިސްލާޙު ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ މިހާރު ނަގާ 750 ރުފިޔާގެ ބަދަލުގައި 250 ރުފިޔާ ނެގުމަށް ކަމަށެވެ. ކިތަންމެ ފަހަރަކު ގަވައިދާ ހިލާފުވިޔަސް އެއަށްވުރެ ޖޫރިމަނާ އިތުރު ނުވާގޮތަށް އިސްލާހުގައި ހިމަނާފައިވާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓްރެފިކް ގަވައިދާ ހިލާފުވުމާއި ގަވައިދާ ހިލާފަށް ޕާކު ކުރުން ހުއްޓުވުމަށް ކޮންމެވެސް ވަރެއްގެ ޖޫރިމަނާއެއް ކުރުން މުހިއްމު ކަމަށާއި އެހެންނޫނީ ޕާކް ކުރުމުގެ މައްސަލަ މިހާރަށްވުރެ ބޮޑުވެގެންދާނެ ކަމަށްވެސް އިމާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖޫރިމަނާކުރާތީ، ޕާކްކުރުން ފަދަ ކަންކަމަށް އާންމުން ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ.