ޚަބަރު

ރައްޔިތުންގެ މައްޗަށް ގާނޫނު ތަންފީޒުކުރުމުގެ ރޯލެއް ސިފައިންގެ އަތްމައްޗަށް ދުލެއް ނުކޮށްލެވޭނެ: ކޮމިޝަނަރު

އިބްރާހިމް ޒަކީ

ރައްޔިތުންގެ މައްޗަށް ގާނޫނު ތަންފީޒުކުރުމުގެ ރޯލެއް ސިފައިންގެ އަތްމައްޗަށް ދޫކޮށްނުލެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ، ކުށްވެރި ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރާއިރު ކުރިމަތިވާ ނުރައްކާ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ. އެފަދަ ހާލަތަތްކުގައި ފުލުހުންގެ ބާރު ކަނޑުވާލައި މަގުމަތި ބަލަހައްޓަން ފުލުހުން ނެރޭއިރު ދިމާވެދާނެ ނުރައްކާތެރިކަން ވެސް ކޮމިޝަނަރުވަނީ ކޮމިޓީގެ ސަމާލުކަމަށް ގެންނަވައިފައެވެ.

ޕޮލިސް ކޮމިޝަނަރު މިގޮތަށް ވާހަކަދައްކަވާފައި މިވަނީ، ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސް މަޖިލީހުގައި ކުރިއަށްދިޔައިރު، ފުލުހުންނާއި ސިފައިން އަދާކުރާ މަސްއޫލިއްޔަތަށް ބައްލަވައި އެފަދަ ގޮތަކަށް ބާރުގެ ބޭނުންކުރާ ދެ މުއައްސަސާ އޮންނަން ފެނިވަޑައިނުގަންނަވާ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. އަދި އެ ބިލުގެ ބަހުސްގައި ފުލުހުންނަށް މުގުރު އެކަނި ދިނުމަށް ވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޝަނަރަ އޮފް ޕޮލިސް ވިދާޅުވީ، ފުލުހުންގެ ތެރެއިން ދެމީހަކު ކުރާ ކަމަކުން މުޅި އެންމެންގެ އަތުން ބާރު ނަގައި އެގޮތަށް ކަންތައް ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. އެހެންކަމުން މަޖިލީހުން ބިލު ފާސްވެގެން އަންނަ އިރު އޮޕަރޭޝަންތަކުގައި ފުލުހުންނަށް ދިމާވާ ނުރައްކާތަކާއި، ކުރިމަތިލާންޖެހޭ ޗެލެންޖްތައް ވަރަށް ސާފުކޮށް މަޖިލީހަށް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް މިއަދަކު ނޯންނާނެ ފުލުހުންނަށް މުގުރެއް ދީފައި އޮންނާތީ ފުލުހުންގެ 100 މީހުންގެ ތެރެއިން ދެ މީހަކު އެ މުގުރު ބޭނުންކޮށްފައި އޮތް ގޮތް އެއީ ގޯސް ގޮތެއްކަމަށް ވިދާޅުވެ އަނެއް 80 ފުލުހުން އަތުން މުގުރު އަތުލެވޭކަށެއް،" ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮމިޝަނަރު އިތުރަށް ވިދާޅުވީ ދާހިލީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް އެއްގަމާއި ކަނޑުމަތީގައި ވެސް ފުލުހުންނަށް ނުރައްކާތައް އެބަހުރި ކަމަށެވެ. އެހެންކަމުން އެކަންކަމަށް ފުލުހުން ރަނގަޅަށް ތައްޔާރުވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"މާދަމާ މިސާލަކަށް މަގުމަތީގައި އަޅުގަނޑުމެންނަށް ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ކުށްވެރިއަކު، ނުވަތަ ޓެރަރިސްޓުންގެ ހަމަލާއެއް ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ. އަދި ނުރައްކާތެރި ހަރިޔާރެއް ހިފައިގެން ހުންނަ ޓެރަރިސްޓަކާ މަގުމަތި ބަލަހައްޓަމުން ދާދިއުމުގައި ފުލުހަކު ކުރިމަތިލާން ޖެހިދާނެ. އެހާލަތުގައި އަޅުގަނޑުމެންނަކަށް ނޯންނާނެ އެހާ ހިސާބުން ފުލުސް މީހާ މަޑުކޮށްފައި ކޮމިޝަނާ އޮފް ޕޮލިސްއަށް އަންގާފައި ހޯމް މިނސްޓަރު ލައްވައި ޑިފެންސް މިނިސްޓަރަށް ސިޓީއެއް ފޮނުވާފައި ޑިފެންސް ފޯސް އިން ލެސްލީތަލް ހަތިޔާރު ހިފައިގެން މީހަކު ނުކުމެ އެހާލާތާ ކުރިމަތިލާވަރަކަށް. އެވަގުތެއް ނޯންނާނެ،" ފުލުހުންގެ ބާރު ކަނޑުވާލައި ސިފައިންނަށް އެކަނި ބާރު ދިނުމަށް ދެކެވުނު ވާހަކަތަކާ ގުޅިގެން ކޮމިޝަނަރު ވިދާޅުވިއެވެ.