ޚަބަރު

ހިޔާ ފްލެޓުތަކާ ގުޅިގެން ސަރުކާރުން އަމަލުކުރާ ގޮތުން ރައްޔިތުންނަށް ލިބެނީ ނިކަމެތިކަން: މުއިއްޒު

އަލީ އަފާފު ރަމީޒު

ހިޔާ ފްލެޓުތަކާ ގުޅިގެން މި ސަރުކާރުން އަމަލު ކުރަމުންދާ ގޮތްތަކުގެ ސަބަބުން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ލިބިގެންދާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަޅުއްވަން ފެއްޓެވި ފްލެޓުތައް ލިބޭނެ ފަރާތްތައް ކަނޑައަޅައި ނިމި، ފްލެޓުތަކުގެ އަމަލީ މަސައްކަތް ނިންމަފައިވާ ކަމަށެވެ. އަދި އެ ފްލެޓުތަކުގައި މިދިޔަ އަހަރުގެ ޖުލައި މަހު ދިރިއުޅެން ފެށޭ ވަރަށް އޮތް މަޝްރޫއެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"2019 ޖުލައި މަހު ދިރިއުޅެން ފެށޭ ވަރަށް އޮތް މަޝްރޫއަކަށް މި ސަރުކާރުން ހައްދަވަމުން ގެންދަވާ ގޮތްތަކުން އެތައް ހާސް ރައްޔިތުންނަށް ދެރަ ނިކަމެތިކަން ލިބިގެންދޭ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިގޮތަށް ވިދާޅުވެފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހިޔާ ފްލެޓުތަކަށް މީހުން ވެއްދިޔަސް އެތަނުގައި މީހުން ދިރިއުޅޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެއީ ކޮށްފައި އޮތް ވަރަށް ބޮޑު ބޭކާރު ހަރަދެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށާއި ނުނިމި ހުރީ ވަރަށް މަދު މަސައްކަތެއް ކަމަށެވެ. ފްލެޓުގެ މަސައްކަތް ނިންމަން ވަރަށް މަސައްކަތް ކުރެވޭ ކަމަށާއި ހައްގުވާ ފަރާތްތަކަށްދޭނެ ކަމަށެވެ. އަދި އޭގައި ހިފަހައްޓައިގެން ނުތިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.