އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ އިސްނެގުމުގެ ދަށުން ދިވެހި ރައްޔިތުންގެ އެހީތެރިކަމާއެކު ސީރިއާގައި ހުޅުވާފައިވާ އަލޫކާ ސްކޫލު ދަރިވަރުން ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައިއޭސީން މައުލޫމާތު ދިން ގޮތުގައި މިދިޔަ އަހަރު މާޗް މަހު ރަސްމީކޮށް ހުޅުވި މި ސްކޫލުގައި ގްރޭޑް އެކަކުން ހަޔަކާ ހަމައަށް ކިޔަވައިދެއެވެ. އެގޮތުން ދަރިވަރުންނަށް ހިސާބު، އިނގިރޭސި، ޕީއީ، އަރަބި އަދި ގުރުއާން މާއްދާ ކިޔަވައިދޭ ކަމަށް އައިއޭސީން މައުލޫމާތުދެއެވެ. އަދި މި ސްކޫލުގައި ހަތް ކްލާސް ރޫމް ހިމެނޭ އިރު، ކުދިން ނަމާދު ކުރާނެ ކޮޓަރިއަކާއި ކުދިން ކުޅެލަން ނިކުމެވޭނެ ކޮމްޕައުންޑެއް ހުންނަ ކަމަށް އައިއޭސީން މައުލޫމާތުދެއެވެ.
ސީރިއާގެ އިޑްލިބްގައި ގާއިމުކޮށްފައިވާ މި ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންގެ ކިޔެވުމުގެ ހަރަދު ސްޕޮންސާ ކުރުމުގެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ހުޅުވާލާފައިވާ ކަމަށް އައިއޭސީން ބުނެއެވެ. އެގޮތުން މި ފުރުސަތުގެ ދަށުން އަލޫކާ ސްކޫލުގެ ދަރިވަރަކު ސްޕޮންސާ ކުރެވޭނީ މަހަކު 700 ރުފިޔާއަށް ކަމަށް އައިއޭސީން މައުލޫމާތުދެއެވެ. އަދި އަލޫކާ ސްކޫލުގެ ދަރިވަރެއް ސްޕޮންސާ ކުރާ މީހަކަށް އެ ކުއްޖާގެ ކޮންމެ މަހެއްގެ ކިޔެވުން ކުރިއަށްދާ ގޮތުގެ އަޕްޑޭޓާއި، ތަފްސީލު ވީޑިއޯ އަދި ފޮޓޯގެ ޒަރިއްޔާއިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އައިއޭސީން މައުލޫމާތުދެއެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ 7322112 އަށް ގުޅައިގެން ނޫނީ އައިއޭސީގެ ފޭސްބުކް ޕޭޖު https://web.facebook.com/IACMaldives/ މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ ކަމަށް އައިއޭސީން ބުނެއެވެ. އަދި އަލޫކާ ސްކޫލުގެ ހާއްސަ ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް ސްކޫލުގައި މިހާރު ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންގެ މައުލޫމާތު ސާފުކުރެވޭނެ ކަމަށް އައިއޭސީން ބުނެއެވެ.
މީގެ ކުރިންވެސް އައިއޭސީން އަލޫކާ ސްކޫލުގެ ދަރިވަރުން ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އަދި ދިވެހިން ސްޕޮންސާކޮށްފައިވާ ދަރިވަރުންނަށް ނިމިދިޔަ ރަމަޟާން މަހު ހާއްސަ ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދީފައިވާ ކަމަށާއި އީދު ހަދިޔާގެ ގޮތުގައި ސްކޫލު ދަރިވަރުންނަށް އައު ހެދުން ފޯރުކޮށްދީފައިވާނެ ކަމަށް އައިއޭސީން މައުލޫމާތުދެއެވެ.
އަލޫކާ ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންގެ ތެރޭގައި ޔަތީމު ކުދިންނާއި، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ދަރިވަރުން ހިމެނޭ ކަމަށް އައިއޭސީން މައުލޫމާތުދެއެވެ.